”އެޓޯލް ޗެމްޕިއަންޝިޕް“ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

19437538_1584245431649298_7145923003295708866_n.jpg

ފެހެންދޫ ޓީމް އެރަށު ދަނޑުގައި ކުރީއަހަރެއްގެ ޕްރެކްޓިސްގެ ތެރެއިން / ފޮޓޯ: ފެހެންދޫ ފުޓްބޯލް ޓީމް ފޭސްބުކް ޕޭޖް

އެފްއޭއެމުން އަލުން ފަށަން ތައްޔާރުވަމުން އަންނަ އަތޮޅު މުބާރާތް، “އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދު އިތުރުކުރިއިރު، އެފްއޭއެމުން ބުނީ، ކުރިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމުތަކަށް އެކަނި ކަމަށްވުމުން، އެރަށެއްގެ ރަށު ކައުންސިލުން، މުބާރާތުގައި ބައިވެރިވާން ބޭނުންނުވެ، އަދި ޓީމެއްވެސް އެންޑޯޒްކުރަން ބޭނުންނުވި ބައެއް ރަށްރަށުގެ، ކްލަބްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދެމުންދާ ކަމަށެވެ.

އެހެންކަމުން، އެ ފަދަ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު އިތުރު ކުރުމުގެ ގޮތުން، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމުން ވަނީ އިތުރުކޮށްދީފަ އެވެ.

މުބާރާތުގައި ކްލަބް ބައިވެރިކުރުމުގައި އިސްކަންދޭނެ ތަރުތީބެއްވެސް އެފްއޭއެމުން ވަނީ ކަނޑައަޅާފައެވެ. އެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ، މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބުތަކަށް ކަމަށް އެފްއޭއެމުން ބުންޏެވެ. އޭގެ ފަހުން، މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބްތަށް ކަމަށް އެފްއޭއެމުން ބުންޏެވެ.

މުބާރާތުގައި ބައިވެރިވާ ރަށަށް ނިސްބަތްވާ އެއް ކްލަބަކަށްވުރެ ގިނަ ކްލަބް ރަޖިސްޓްރީ ކޮށްފިނަމަ، އެފްއޭއެމްއިން ގުރު ނަގައިގެން އެ ރަށް ތަމްސީލުކުރާ ކްލަބެއް ކަނޑައެޅުމަށްވެސް އެފްއޭއެމުންވަނީ ނިންމާފައެވެ.

ޓޮމްގެ މޭސްތިރިކަމުގައި އެފްއޭއެމްގެ އެކްސްކޯއިން އަލަށް އެކުލަވާލި ދިވެހި ފުޓުބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ހަތަރު ސަރަހައްދަކަށް ބަހާލާނެއެވެ.
އާ އޮނިގަނޑާއެކު ޒޯންތައް ބެހިގެންދާ ގޮތް:
– އުތުރު ރީޖަން (މި ރީޖަންގައި ހިމެނޭނީ ހއ، ހދ، ށ، ނ، ރ، ބ، ޅ)
– ސެންޓްރަލް ރީޖަން (މި ރީޖަންގައި ހިމެނޭނީ ކ. އއ. އދ، ވ، މ، ފ، ދ)
– ދެކުނު ރީޖަން (މި ރީޖަންގައި ހިމެނޭނީ ތ، ލ، ގއ. ގދ. ޏ، ސ)
– މާލެ ރީޖަން (މިއީ ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަން)

މީގެ ތެރެއިން އުތުރު ރީޖަންގެ މެޗުތައް ފަށަން ތާވަލުކޮށްފައިވަނީ އޮކްޓޫބަރު މަހުއެވެ. އަދި ސެންޓްރަލް ރީޖަންގެ ކުޅުނު ނޮވެމްބަރު މަހުގެ 15ގައި ފަށާ ގޮތަށް އޮތްއިރު، ދެކުނު ރީޖަން ފަށާނީ ޑިސެމްބަރު މަހުއެވެ.

މިހާރު ރާވާފައިވާ ގޮތުން އަތޮޅު މުބާރާތްތަކުގެ ޗެމްޕިއަން ޓީމުތައް ކޮލިފައިވާނީ ރީޖަނަލް ލީގުތަކަށެވެ. އެއަށް ފަހު، ރީޖަނަލް ލީގުތަކުގެ ޗެމްޕިއަނުން ހިމެނޭ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނެއެވެ. އަދި އަންނަ ސީޒަންގައި ދިވެހި ޕްރިމިއާ ލީގަށް އޭގެން ޓީމުތައް ކޮލިފައިވާނެއެވެ. މާނައަކީ، އަތޮޅު މުބާރާތްތަކުން އަންނަ ޓީމުތަކަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބިގެން ދިޔުމެވެ.

އަތޮޅު މުބާރާތްތައް އަލުން ފެށުމަކީ އެފްއޭއެމްގެ އާ ރައީސް ޓޮމްގެ އެކްސްކޯއިން އެންމެ ފުރަތަމަ ނިންމި ނިންމުމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top