މުޖުތަމަޢުގައި ފެތުރެމުންދާ ދީނާ ދުރު ކަންކަމާ މެދު ހޭލުންތެރިވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
“ރަގަޅު މުޖުތަމަޢެއް ބިނާކުރުން” މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ އުއްމަތުގެ އިއްޒަތާއި ގަދަރު އަނބުރާ ލިބޭނީ ﷲގެ މަގަށް މީސްތަކުން އެނބުރުމުން ކަމުގައެވެ.
”މުސްލިމް އަޚުންނޭވެ! މިހާރަކަށް އައިސް ޒުވާނުންގެ ތެރޭގައި އިސްލާމްދީނާ ދުރު ސަގާފަތްތައް ފެތުރުމަށް އެތެރެއާއި ބޭރުން މަސައްކަތް ކުރެއެވެ. ކުރިއެރުމާއި ތަރައްގީ ކަމުގައި ބުނެ، އައުރަ ނިވައި ނުވާގޮތަށް ދެޖިންސުގެ ޒުވާނުން ހެދުން އެޅުން އާންމުވަމުން އެބަ ދެއެވެ. ފިރިހެނުން އަންހެނުން ގޮތަށް އަންހެނުން ފިރިހެނުން ގޮތަށް ހެދުން އެޅުން އާންމުވަމުން އެބަ ދެއެވެ. ފިރިހެނުން ކަންފަތް ތޮރުފުމާއި ދެ ޖިންސުގެ ޒުވާނުން ޓެޓޫ ޖެހުމާއި، ފިރިހެނުން އަންހެނުންނާއި އެއްގޮތްވާ ގޮތަށް އިސްތަށިގަނޑު ދިގުކުރުންފަދަ ކަންކަން އާދައިގެ ކަންކަން ކަމުގައި ހަދަމުން ދެއެވެ. މި ކަންކަމަކީ ލަޢުނަތް ލެއްވިގެންވާ ޙަރާމް ކަންކަމެވެ.“
މިއަދުގެ ޚުޠުބާގައި ބުނެފައި ވެއެވެ.
ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ތަނަކީ މިސްކިތްކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ބުނަނީ، އުންމަތުގެ މުސްތަގުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމައުގެ އެންމެހައި އަފުރާދުން ފުރިހަމަޔަށް އަމަލުކޮށްގެން ކަމަށެވެ.
ޚުޠުބާގައި ބުނީ މުޖުތަމަޢުގައި ފެތުރެމުންދާ މިފަދަ ދީނާ ދުރު ކަންކަމާ މެދު ހޭލުންތެރިވާން ޖެހޭނެ ކަމުގައެވެ. އަދި ދީނީ ތަޢުލީމަށް އިތުރު މުހިންމު ކަމެއް ދޭން ޖެހިފައިވާކަން ފާހަގަ ކުރައްވައި ދީނާއި ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިއާރުތަކާއި ސަގާފަތް ދިރުވާ އާލާކުރާން ޖެހިފައިވާ ކަމުގައެވެ.





