މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، އަންދާޒާ ކުރެވޭ އާމްދަނީ އިން މީޑިއާތަކަށް ފައިސާ ދޭނެ އުސޫލެއް ސަރުކާރުން އިއްޔެ ގެޒެޓުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ، މީޑިއާތަކަށް ފައިސާ ދޫކުރަނީ، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާއާއި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތަ ކަމަށެވެ.
އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުސޫލެއްކަން ރައީސް އޮފީހުން ހާމަކުރިއެވެ.
ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އަމިއްލަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާން ކުރާ “މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު”ގެ ދަށުން ފައިސާ ދޫކުރާނީ ތިން ޕޭމަންޓަކަށް ބަހާލައިގެންނެވެ.
މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށްޓަކައި ފުރިހަމަ ވާން ޖެހޭ އެންމެ މުހިންމު އެއް އަސާސަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.
މެދުނުކެނޑި ޚިދުމަތް ދޭތާ 3 އަހަރު ވެފައި ވާނަމަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައި އޮތް މި ގްރާންޓަށް ކުރިމަތިލުމަށްޓަކައި ފުރިހަމަވާން ޖެހޭ ޝަރުތުތައް އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެެވެ. އެ ގޮތުން އާންމުންނަށް އެ މީޑިއާއަކާ މުޢާމަލާތު ކުރެވޭނެ ގޮތެއް އޮތުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި ކޮންޑަކްޓް ޝާއިއު ކޮށްފައި އޮތުމާއި، ޓެކްހާ ގުޅޭ ގޮތުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ދިޔުމާއި، ޕެންޝަން ސްކީމަށް ފައިސާ ދައްކަމުން ދިޔުމުގެ އިތުރުން އެ މީޑިއާއެއްގެ މުވައްޒަފުންގެ މުސާރައާ ގުޅޭ މުޢާމަލާތްތައް ހިންގަމުން ދަނީ ބޭންކެއް މެދުވެރި ކަމުގައި ވުން ހިމެނެއެވެ.
މީގެ އިތުރުން އެ މީޑިއާއެއްގެ މަސްއޫލު ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ އެ ދަރަނި އަދާކުރަމުން ދާ ފަރާތަކަށް ވާންޖެހޭކަމަށްވެސް އުސޫލުގައި ބަޔާން ކޮށްފައިވެއެވެ. ބްރޯޑްކާސްޓް މީޑިއާ އަދި ޕްރިންޓާއި އޮންލައިން މީޑިއާ ނުވަތަ ނޫސް މަޖައްލާފަދަ ތަކެތީގެ ގާނޫނުގެ ދަށުން ހިންގާ މީޑިއާ ހިމެނޭހެން، އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގާނަމަ، ކޮންމެ ބާވަތަކުން 1 މީޑިއާއަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.
މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ހުށަހަޅާ ޕްރޮޕޯޒަލް އަށް މަދުވެގެން 60 ޕޮއިންޓް ހަމަވާން ޖެހޭ އިރު، ޕޮއިންޓް ލިބޭނެ ދާއިރާތަކާއި ކަންކަން އަދި ލިބޭނެ ޕޮއިންޓްގެ މިންވަރު ވެސް އުސޫލުގައި ބަޔާން ކޮށްފައިވެއެވެ. އަދި ބަޖެޓުން ކަނޑައަޅާ 27.9 މިލިއަން ރުފިޔާ ބެހިގެންދާ ގޮތުގެ ފޯމިއުލާ ވެސް ބުނެދީފައި ވެއެވެ.






