އަތޮޅު ކައުންސިލްތައް އުވާލައި، ކުދި ރަށްތަކުގެ ކައުންސިލް ސައިޒު ކުޑަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވާ ދަތުރުފުޅުގައި ރޭ މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ލާމަރުކަޒީ ގާނޫނު މިހާރަށް ވުރެ ވަރުގަދަކުރަން މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި އިތުރު އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ ބޭނުމެއް ނެތްކަމަށާއި، އެކަމަށް ހުރިހާ ރަށު ކައުންސިލްތައް އެއްބަސްވާނެކަމަށެވެ.
އެގޮތުން އަންނަ ދައުރުގެ ތެރޭގައި އެމަނިކުފާނު ހަތަރު އިސްލާހެއް ހުށަހަޅުއްވާނެކަން ރޭ ހާމަކުރެއްވިއެވެ. އެ އިސްލާހުތައް ހުށަހަޅުއްވަނީ، ‘ފަށަލަތައް’ ނެތި، ސީދާ ރައްޔިތުންނަށް ބާރުތައް ދިނުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެ އިސްލާހުގައި ވާގޮތުން ނަމަ، އަބާދީގައި 2،000 މީހުންނަށް ވުރެ ކުޑަ ރަށްތަކުގައި ތިބޭނީ ތިން ކައުންސިލަރުން ކަމަށާއި 2،000 މީހުންނަށް ވުރެ ބޮޑު އާބާދީތަކުގައި ފަސް ކައުންސިލަރުން ތިބޭނެކަމަށް ވިދާޅުވިއެވެ. އެކަމަކު، ސިޓީ ކައުންސިލްތަކަށް އެ ނިޒާމެއް ނޯންނާނެ ކަމަށާއި ގާތްގަނޑަކަށް އޮންނާނީ މިހާރުގެ ނިޒާމު ކަމަށް ރައީސް ވިދާޅުވިއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ވެސް ކުޑަކުރަން އިސްލާހެއް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، އަތޮޅު ކައުންސިލްތައް އުވާލުމުން ސީދާ ރަށު ކައުންސިލްތައް މަސައްކަތް ކުރާނީ ވުޒާރާތަކާ ގުޅިގެން ކަމަށެވެ.
ކައުންސިލްތަކަށް ބަދަލު ގެންނައިރު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ފުލްޓައިމް މުވައްޒަފަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ކޮމިޓީގެ ރައީސާ ހޮވާނީ ރަށު ކައުންސިލްގެ ރައީސް ހޮވާގޮތަށް އެރަށެއްގެ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ފުލްޓައިމް މުވައްޒަފަކަށް ހަދަނީ އަންހެނުން ބާރުވެރިކުރުވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“އެއްވެސް ވަރަކަށް މި ސަރުކާރަކުން ކައުންސިލަކުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަކަށް ހުރަހެއް ނާޅާނަން. ދެފުށް ފެންނަ ނިޒާމު ގާއިމުކުރަނީ ޒިންމާދާރުކޮށް ޗެކް އެންޑް ބެލެންސް އެކައުންޓަބިލިޓީ އެކަނި. ގުޑް ގަވަނެސް އެކަނި އެޗީވްކުރަން ބޭނުންވަނީ” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ސަރުކާރުން މަސައްކަތްކުރާނީ އިހްލާސްތެރިކަމާއެކު ރައްޔިތުންގެ ފަޅީގައި އޮތް ރައްޔިތުންނާއެކު ކަމަށެވެ. އިސްލާހުތައް ގެންނަނީ ދެފުށްފެންނަ ގޮތަށް ކަންކަން ބަލައި، އިތުރަށް ޒިންމާދާރުކުރުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.






