ތާރުއަޅައި ގާއަތުރައިގެން މަގުހެދުން މުހިއްމެއް ނޫން : ރައީސް

large_17548938561902d8.jpg

ކަމަދޫގައި ރައީސް ވާހަކަފުޅުދައްކަަވަނީ -- ފޮޓޯ: ރައީސް އޮފީސް

ތާރުއަޅައި ގާއަތުރައިގެން މަގުތައް ހެދުން މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި އޭގެ ބަދަލުގައި ޓޫރިޒަމް ތަރައްގީވަމުން އަންނަ ރަށްރަށާއި އާބާދީ ކުދި ރަށްރަށުގެ ގުދުރަތީ ރީތިކަން ގެއްލިގެން ނުދާ ގޮތަށް އެ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިއަދު ކަމަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގެ މަގުތައް ހަދާއިރު ގުދުރަތީ އަސްލު ސިފަ ގެއްލޭ ގޮތަށް ގާ އެތުރުން ނުވަތަ ތާރު އެޅުމަކީ އެ މަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ތާއީދު ވެސް ކުރާ ކަމެއްނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

” މާ ހާޑް ސާފޭސްއެއް ގޮތަށް ތާރުއެޅުން ގާއަތުރައިގެން ކޮންމެހެން މަގުތައް ހެދުމަކީ މާ މުހިންމު ކަމެއް ނޫން. އަދި އެހާ ރަނގަޅު ކަމެއް ވެސް ނޫން،” ރައީސް ވިދާޅުވިއެވެ.

ޚާއްސަކޮށް، އެ ރަށަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށެއްނަމަ އަމުދުން އެ ކަމެއް ކުރުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަންވާނީ ރަށުގެ ގުދުރަތީ ރީތިކަން ވީހާ ވެސް ބޮޑަށް ބޭއްވޭ ގޮތަކަށް މަގުތައް ހަދަަންކަމަށް ރައީސް ވިދާޅުވިއެެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ، ކަމަދޫގައި އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށެވެ.

“ރައްޔިތުން ބޭނުންވެލައްވަނީ މަގުތައް ރީތިކޮށް ބޭއްވި، އެހެންނަމަވެސް ފެން ބަރާބަރަށް ހިނދޭ ޑްރެއިނޭޖް ނިޒާމެއްގެ ތެރެެެއިން މަގުތައް ދެމެހެއްޓުން ކަމަށްވަންޏާ އެ ކޮންސެޕްޓުގެ ތެރެއިން ކުރިއަށްދާނީ،” ރައީސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ ކަމަދޫގެ އިގްތިސާދީ ތަރައްގީއަށް ޚާއްސަ ސަމާލުކަމެއް ދެއްވުމާއެކު ބ. އަތޮޅުގެ ތަރައްގީގައި ކަމަދޫ އެންމެ ފަހަތުގައި އޮތް އޮތުން ނިމުމަކަށް ގެެނެސް، ހަމަހަމަކަމާ އެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތް ރަނގަޅުކުރައްވައި، އެހެނިހެން ދާއިރާތަކުން ވެސް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެެވެ.

ގިނަ ރަށްތަކެއްގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެންނެވެ. އަދި ކުދި ގޯޅިތަކާއި ކުދި މަގުތަކުގައި ގާ އަތުރައިގެންނެވެ. އެކަން ކުރުމަށް ޓަކައި މަގުތަކުގައި ހެދިފައި ހުންނަ ހިޔާ ދޭ ބޮޑެތި ގަސްތައް ކެނޑުންފަދަ ކަންކަން ކުރަން ޖެހެއެވެ. މީގެ ކުރިން އެފަދަ ކަންކަމުގައި ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ގާ އަތުރައި ތާރުއަޅައިގެން، ރަށްރަށުގެ މަގު ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހާއި، އިއްޔެ، ޖުމްލަ 12 ރަށެއްގެ މަގު ޒަމާނީ ފެންވަރަށް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ވަނީ ހަވާލުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top