ރައީސުލްޖުމްހޫރިއްޔާ، ޑރ.މުހައްމަދު މުއިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބ.ކަމަދުއަށް ވަޑައިގެންފި އެވެ.
ކަމަދުއަށް ވަޑައިގަތުމުން، އެ ރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ކަމަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަޙައްދަށް އެއްވެފަވެއެވެ.
މިދަތުރުފުޅުގައި ކަމަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރަ ކޮމިޓީއާއި، އެ ރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ކަމަދޫގައި ބޭންކް އޮފް މޯލްޑިވްސް ގެ ފަރާތުން ހުޅުވާ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ މިދަތުރުފުޅުގައި މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައިވެއެވެ.





