ޖުވާ ކުޅެގެން ހޯދާ ފައިސާއިން ކައިގެން، ހަށިގަނޑުގައި ޖަހާ މަހާއި އުފެދޭ ލެއަށް ހައްގުކަން ބޮޑީ ނަރަކަ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ ޚާއްސަކޮށްފައި ވަނީ ‘ޖުވާއާއި އޭގެ އާމްދަނީ ހަރާމް”، މި މައުޟޫއުގެ މައްޗަށެވެ.
އޮންލައިންކޮށް އެކިއެކި ޕްލެޓްފޯމްތަކާއި ވެބްސައިޓްތައް މެދުވެރިކޮށް މިނުބައި މަޅީގައި އެތައް ދިވެހީންނެއް މިހާރު ވަނީ ޖެހިފައެވެ.
ޖުވާއަކީ ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެކެވެ. މިއީ އިސްލާމް ދީނުގައި ހަރާމްކަމެކެވެ.
”މާތް الله އެ ކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވީ، ޙަލާލު ރަނގަޅު ތަކެއްޗާއި އެ ފަދަ ޢަމަލުތަކެވެ. ނުބައި އެއްވެސް އެއްޗެއް އަދި އެއްވެސް ޢަމަލެއް އެ ކަލާނގެ ހުއްދައެއްނުކުރައްވައެވެ.“ ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ބުނީ އިސްލާމް ދީނުގައި ޖުވާ ހަރާން ކުރެއްވީ، އެ ކަމަކީ ފާފަވެރިވާ، ގެއްލުން ހުރި، މުޑުދާރު އަމަލަކަށް ވާތީ ކަމަށާއި ރަލާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަސީބު ހުރި ގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެތި ކަމަށެވެ.
”ހަމަކަށަވަރުން ހަރާން އެއްޗެއް ކައިގެން ގައިގައި މަސްޖަހައިފައިވާ މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ. އޭނާއަށް އައުލާކަން ބޮޑީ ނަރަކައެވެ.“ ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ވަނީ ޖުވާ ކުޅެގެންނާއި، ދީނުގައި ހަރާން ކުރައްވައިފައިވާ ވަސީލަތްތަކުން ހޯދާ ފައިސާ، ދީފައި ގަންނަ ތަކެތި ކެއުމާއި، އެ ފަދަ ފައިސާއިން ހޯދާ ފޭރާންލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތައުލީމާއި ސިއްހަތަށް ޚަރަދުކުރުމަކީ، އޭގެ ސަބަބުން އެ މީހަކު ސުވަރުގެއިން މަހުރޫމުވެ، ނަރަކަވަންތަ ވެރިވެދާނޭ ކަމެއްކަން ހަނދާންކޮށްދީފައެވެ.
އިސްލާމް ދީން އަމުރުކުރަނީ، ރަނގަޅު ހެއު ތަކެތި ކެއުމަށާއި، ހެޔޮ އަމަލުކުރުމަށް ކަން ހަނދާންކޮށްދީ ކެއުމާއި، އުނު ފޭރާންލުމާއި، ތައުލީމާއި، ސިއްހަތާއި، ހިތްއުފާކުރުމާއި، ހިޔާވަހިކަން ހޯދުމުގައި، ހަލާލު ފައިސާ ބޭނުންކުރާ ބަޔަކު ކަމުގައި ވުމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލިއެވެ.






