ބ.އޭދަފުށި ހިއްކިބިމުން ގޯތި ދޫކުރަން ޝަރުތު ހަމަވާމީހުންނަށް ގޯތިތައް ދިނުމުގެ ގޮތުން ގޯތިތައް ތަރުތީބުކުރަން ގުރުނެގުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފި އެވެ. ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުންނެވެ. އަދި ޕޮއިންޓް އެއްވަރުވެފައިވާ ނަމަ، ލިސްޓްގައިވާ ތަރުތީބުން ގުރުނަގާފައިވެއެވެ.
އޭދަފުށީ ރައްޔިތުންނަށް ދައުވަތު ދީގެން މި ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ 9:00 ގައި އޭދަފުށީ ޓާފް ފުޓްބޯލް ސްޓޭޑިއަމްގަ އެވެ.
މި ރަސްމިއްޔާތުގައި ގޯތި ލިބުމުގެ ޝަރުތު ހަމަވާ 183 މީހުންނަށް ވަނީ އެމީހެއްގެ ގޯތިލިބޭ ތަން ކަނޑައަޅައި އެކަމުގެ ލިޔުން ހަވާލު ކޮށްފައެވެ.
ގުރުނެގުމަށް ފަހު ގޯތި ލިބުނު މީހުންނަށް ދީފައިވާ ލިޔުމުގައިވާ ގޮތަށް، ކައުންސިލުން އިމުގެ ކަންމުޑި އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަޅައިދޭން ފަށާނެ ކަމަށްވެސް ކައުންސިލު ރައީސް މުހައްމަދު ފާތިހު ވިދާޅުވިއެވެ.
ހިއްކި ބިމުން ދޫކުރަން ނިންމާފައިވަނީ 1200 އަކަފޫޓްގެ 183 ގޯއްޗެވެ.
އޭދަފުށީ ރައްޔިތުންނަށް ގޯތި ދިނުމުގެ ގޮތުން ފަޅުހިއްކައިގެން ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު އެވެ.
އޭދަފުށިން ގޯތި ދޫކުރުމުގެ މަސައްކަތް ރަށު ކައުންސިލުން ފުރަތަމަ ފެށީ 2019 ވަނަ އަހަރު އެވެ. އެފަހަރު 1400 އަކަފޫޓްގެ 158 ގޯތި ދޫކުރުމަށް ނިންމައި، ފޯމު ހުށަހެޅުމަށްވެސް ހުޅުވާލި އެވެ. ނަމަވެސް، ގޯތި ދޫކުރުމުގެ އުސޫލުގައި މައްސަލަތަކެއް ހުރިކަމަށް ހައުސިން މިނިސްޓްރީން އެންގައިގެން ހުއްޓާލީ އެވެ.
އޭގެ ފަހުން 2020 ވަނަ އަހަރު އާ އުސޫލެއްގެ ދަށުން ގޯތި ދޫކުރުމަށް ނިންމުމާއިގުޅިގެން 158 ގޯއްޗަށް އެދި 662 ފަރާތަކުން ފޯމު ހުށައެޅި އެވެ. ފޯމުތައް ވިލަރެސް ކުރުމަށްފަހު ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށައެޅުމަށްވެސް ހުޅުވާލިއެވެ. ނަމަވެސް އާންމު ފަރާތަކުން އުސޫލާ ޚިލާފަށް ގޯތި ދޫކުރިކަމަށް ބުނެ އޭދަފުށީ ކޯޓަށް މައްސަލަ ހުށައެޅުމުން ގޯތި ދޫކުރުން މަޑު ޖެހިގެންދިޔައެވެ.
ދުވަސް ތަކަކަށްފަހު މި މައްސަލަ ނިމުމުން، ގޯތި ދޫކުރުމަށް އަނެއްކާވެސް އުސޫލެއް ހަދާ ، ކުރިން ދޫކުރުމަށް ނިންމާފައިވާ 158 ގޯތީގެ ބަދަލުގައި 183 ގޯތި ދޫކުރުމަށް ކައުންސިލުން ނިންމިއެވެ. މި ފަހަރު 525 މީހުން ވަނީ ކުރިމަތިލާފައެވެ.
3500 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށިން މީގެ ކުރިން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ. އެފަހަރު 659 ގޯތި ދޫކުރެވުނެވެ. ބިން ފުރި ގޯތި ނުލިބި ތިބި އަދި ގޯތި ބޭނުންވާ އެތައް ޢާއިލާއެއް އޭދަފުށީގައި ދިރިއުޅެމުން ދިއުމާ ގުޅިގެން 2014 ވަނަ އަހަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން 26 ހެކްޓަރުގެ ބިން އެ ރަށުން ހިއްކާފައެވެ.
އޭދަފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އަދުގެ ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަނަށް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.





