އިސްލާމީ ޝަރީއަތުގެ ފުރަތަމަ މަސްދަރު ކަމުގައި ކީރިތި ޤުރްއާން ވީފަދައިން، ކީރިތި ރަސޫލާގެ ސުންނަތަކީ އެ ޝަރީއަތުގެ ދެ ވަނަ މަސްދަރުކަން ކަށަވަރުވާ ކަމަށާއި ޤުރްއާން ގަބޫލުކުރި ނަމަވެސް އެކަލޭގެފާނުގެ ސުންނަތް ގަބޫލުނުކުރާ ނަމަ، އެފަދަ މީހެއްގެ ދީން ފުރިހަމަ ނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
އިސްލާމީ ޝަރީއަތުގައި ސުންނަތުގެ މަގާމުގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ޚިޔާރުކުރައްވާފައިވާ މަގަކީ އިސްލާމްދީން ކަމުގައިވީއިރު، އެކަލާނގެ ހަޒުރަތުން މީސްތަކުންނާ ހަމައަށް މި ދީން އައިސްފައި ވަނީ ކީރިތި ރަސޫލާ މެދުވެރި ކުރައްވައިގެން ކަމަށެވެ.
”އެކަލޭގެފާނަށް ބާވައިލެއްވުނު މި ދީން އެކުލެވިގެން ވަނީ މައިގަނޑު ދެ މަސްދަރު ކަމަށްވާ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުގެ މައްޗަށެވެ. އެހެންކަމުން ﷲ އަށް ކިޔަމަންވުމަށް ކުރައްވާފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާއަށް ކިޔަމަންވުމަށް ކީރިތި ޤުރްއާނުގައި އެކަލާނގެ އަމުރުކުރައްވާފައި ވެއެވެ. އަދި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާއަށް ކިޔަމަން ނުވުމުން މުއުމިނުން ކުރާ ހެޔޮ އަމަލުތައް ބާތިލުވާނެ ކަމަށް ވެސް ވަނީ އަންގަވާފައެވެ.“ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި އިތުރަށް ބުނެފައިވަނީ، މާތް ﷲ ރަސޫލަކު ފޮނުއްވާފައި ވަނީ ސީދާ މަގަށް މަގު ދެއްކެވުމަށް ކަމުގަ އެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމަކީ ލާޒިމުވެގެންވާ ކަމެއް ކަމަށާއި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލައިގަންނަން ޖެހޭ ކަމުގަ އެވެ. ކީރިތި ޤުރްއާން އައިސްފައި ވަނީ ރަސޫލާގެ ދޫފުޅު މަތީން ކަމުގައިވާއިރު، އެކަލޭގެފާނުގެ ސުންނަތަށް އީމާން ނުވާ މީހާ ޤުރްއާނަށް ވެސް އީމާންވާ ކަމުގައި ނުވާނެ ކަމުގަ އެވެ.
ބައެއް މީހުން ދެކޭ ގޮތުގައި މުސްލިމުން އަމަލުކުރަން ޖެހޭ ހުރިހާ ކަމެއް މާތް ﷲ ވަނީ ޤުރްއާނުގައި ބަޔާންކުރައްވާފައި ކަމަށް ޚުތުބާގައި ބުންޏެވެ. ވުމާއެކު ޤުރްއާން ފިޔަވައި އެހެން މަސްދަރަކަށް ބަލަން ނުޖެހޭނެ ކަމަށް އެފަދަ މީހުން ދެކޭ ކަމުގަ އެވެ. ނަމަވެސް އެއީ ވަރަށް ގޯސް ވިސްނުމެއް ކަމުގައި ފާހަގަކުރި އެވެ.
ޚުތުބާގައި އިތުރަށް ބުނި ގޮތުގައި، ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނޭކަން އަހަރެމެން ދަންނާން ޖެހޭނެއެވެ. އަދި ނަމާދު އަދާކުރާންވީ ގޮތް އެނގެނީ ކީރިތި ރަސޫލާގެ ސުންނަތުން ކަމަށާ ޙައްޖުގެ އަޅުކަން އަދާކުރާންވީ ގޮތް ވެސް ދަސްކޮށްދެއްވާފައިވަނީ ކީރިތި ރަސޫލާ ﷺ ކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ކީރިތި ޤުރްއާނާއި ސުންނަތް ވަކިނުކުރެވޭނެ ކަމަށާއި، ސުންނަތަށް އިންންކާރު ކުރާ މީހުންނާ މެދު ރައްކާތެރިވެ ތިބުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ހިފަހައްޓައިގެން ތިބުމަށް ނަސޭހަތްތެރި ވެފައިވެއެވެ.
ސުންނަތް ދޫކޮށްލައި ހަމައެކަނި ގަބޫލުކުރާނީ ޤުރްއާނޭ ބުނާނެ ބަޔަކު ފަހު ޒަމާނުގައި އަންނާނެ ކަމުގެ ޚަބަރު ރަސޫލާ ވަނީ އުއްމަތަށް ދެއްވާފައި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެފަދަ މީހުންނާ މެދު ރައްކާތެރިވެ ތިބުމަށް އެކަލޭގެފާނު އިރުޝާދު ދެއްވާފައެވެ. އެކަލޭގެފާނުގެ ސުންނަތަށް އިންކާރުކުރާ ބައެއް މީހުން ބުނަނީ ރަސޫލާގެ ސުންނަތް އައިސްފައި ވަނީ އެހާ އިތުބާރު ހުރި ގޮތަކަށް ނޫން ކަމުގަ އެވެ.
މާތް ﷲގެ ރުއްސެވުން ލިބެން އޮތީ އެކަލާނގެ ރަސޫލާއަށް ކިޔަމަން ގަނެގެން، ކަންކަމާ މެދު ވިސްނައި ފިކުރު ހިންގައި ﷲ އަށް ބިރުވެތިވުމާ އެކު، ދީނުގެ ދެ އަސްލުކަމުގައިވާ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ހިފަހައްޓައިގެން ތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ގޮވާލާފަ އެވެ.