އަންނަމަހުން ފެށިގެން އޭދަފުށީގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމް ފަށާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
އޭދަފުށީގެ އިތުރުން ރާއްޖޭގެ އަށް ރަށެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން އެމިނިސްޓްރީން ވަނީ ނިންމަވާފައެވެ. އެރަށްރަށަކީ ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާރު، ހދ. ކުޅުދުއްފުށި، ގދ ތިނަދޫ، އައްޑޫ ހިތަދޫ އަދި ލ. ގަމެވެ.
މިނިސްޓަރު ވިދާޅުވީ، މާތް ﷲ ހެޔޮ ރަޙުމަތްފުޅުން އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ގާއިމުކުރެވެމުން އަންނަ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.
”މިތަންތަނުގައި ޤުރުއާން މަރުކަޒުގެ ގޮފިތަކަށް، ޤުރުއާން މަރުކަޒުން ޤުރުއާން ޓީޗަރު އަންނަ މަހުން ފެށިގެން ހަމަޖެހިގެން ދާނެ.“ މިނިސްޓަރު ޝަހީމު ވިދާޅުވި އެވެ.