ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފިތުރު ޒަކާތް ދައްކާ ގޮތަށް ގެނައި ބަދަލުގެ މަގުސަދަކީ އިޖްތިމާއީ އަދާލަތު ގާއިމުކުރުން ކަމަށާއި، މި ފަހަރު އެއް ހަމައަކުން ޒަކާތް ބެހުމުން، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4،500 ރުފިޔާ ލިބޭނެ ކަމަށެވެ.
”މީގެ ކުރިން މިކަން ކުރާ ގޮތަކީ އެ ރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށަކަށް ލިބެނީ. މިހާރު ތަފާތަކީ މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން. މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލު“ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
ޝަހީމް ވިދާޅުވީ މި އަހަރުގެ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި 12.4 މިލިއަން ރުފިއާ ލިބިފައިވާ ކަމަށެވެ.