ޒޯން ތިނެއްގެ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ބ. އޭދަފުއްޓާއި ކ. ކާށިދޫ ބައްދަލުކުރި މެޗު، ޕެނަލަޓީ ޖަހައިގެން އޭދަފުށި ކާމިޔާބު ކޮށްފި އެވެ. އެކަމަކު ރޭކުޅުނު މިމެޗުގައި ޕެނަލްޓީގައި ހޯދި ކާމިޔާބީން އޭދަފުށި ފުރަތަމަ ފަހަރަށް ޒޯން ތަށްޓެއް އުފުލާލީ، ކުޅިބަލަން ތިބި މީހުންވެސް ހައިރާން ކޮށްލުވާފައެވެ.
އޭދަފުށީގެ މުހައްމަދު އަޖުފާނަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އިތުރުން ގައުމީ ޓީމުގައިވެސް ހިމެނުނު ޑިފެންޑަރެކެވެ. އޭނާ ފުޓްސަލް ޓީމުގައި އާއްމުކޮށް އަދާކުރާ ރޯލަކީވެސް ޑިފެންޑަރެއް، ނޫނީ އައުޓްފީލްޑް ކުޅުންތެރިއެއްގެ ރޯލެވެ. އެހެން ނަމަވެސް، އޭދަފުއްޓަށް ދިމާވި ހާލަތުން ރޭ އޭނާ ނުކުންނަން ޖެހުނީ އަންގި ލައިގެން ގޯލު ބަލަހައްޓާށެވެ.
މެޗު ފެށިގެން ދެ މިނެޓް ތެރޭގައި އޭދަފުށީގެ އެއްވަނަ ކީޕަރު އަބްދުﷲ ނާސިހު (ރާޖް) އަށް އަނިޔާވެ، އޭނާ ބާލަން ޖެހުމަކީ ޓީމަށް ލިބުނު ކަންބޮޑުވުމަކަށް ވާނެއެވެ. ހަމައެހެންމެ މިދިޔައަހަރު ބަދަލު ކީޕަރެއްގެ ގޮތުގައި އިން އަފްޒަލަށްވަނީ މުބާރާތް ފެށުމުގެ ކުރިން އަނިޔާވެ، މުޅި މުބާރާތާއި ވަކިވާން ޖެހިފައެވެ. ދެން އަރަން ހުރި ކީޕަރަކީ އަހުމަދު އިރުފާނެވެ. އޭނާ ބަދަލަކަށް ނުކުމެ ކުޅެމުން ދަނިކޮށް، ވަނީ ދެވަނަ ހާފުގައި ރަތް ކާޑުދައްކާފައެވެ.
އެ ހަލާތަށް ދިޔުމުން، ގޯލަށް އަރަން އަންގިއާއެކު ނުކުތީ އަޖުފާނެވެ. އަޖުފާން ނުކުމެ، 0-0 ގައި މެޗު ހިފަހައްޓާލައި، ޕެނަލްޓީއަށް ގޮސް، ތިން ޕެނަލްޓީ މަތަކުރީ އެއްވެސް ހާސްކަމެއްނެތި ފަސޭހަކަމާއެކު އެވެ.