ރާއްޖެތެރޭގެ އެކި ސަރަހައްދުގައި ސަރުކާރުން އަޅަން ވައުދު ވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކޮންޓްރެކްޓަރުން ހޯދަން އަންނަ ހަފުތާގެ ތެރޭގައި ބީލަމަށް ހުޅުވައިލަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ތައްޔާރުވަމުންދަނީ އެއްފަހަރާ އެތައް ހާސް ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ހޯދުމަށްކަމަށެވެ. މިކަމާ ގުޅޭ ޓެކްނިކަލް މަސައްކަތްތައް ފިނޭންސް މިނިސްޓްރީއާއެކު ކުރަމުންދާކަމަށާއި އަންނަ ހަފްތާގައި ކޮންޓްރެކްޓަރުން ހޯދުމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ބީލަމަށް ހުޅުވައިލާނީ ދިވެހި ކުންފުނިތަކުގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ.
“އަންނަ ހަފުތާގައި ޓެންޑަރިން ޕަބްލިޝް ކުރެވޭނެ. މަޝްރޫޢުތައް ގެންދާނެ ބަޖެޓުން ވެސ.، ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ވެސް. އަދި ކޮންޓްރެކްޓަރާއި ދަޢުލަތުގެ ބަޖެޓުން ބައެއް ހިމެނޭ ގޮތަށް ވެސް ގެންދާނަން،” މުއްތަލިބް ވިދާޅުވި އެވެ. “އަދި ބައެއް ޕްރޮޖެކްޓްތަކަށް ލޯނު ފެސިލިޓީވެސް ހޯދާނެ.”
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި 20000 ހައުސިން ޔުނިޓް އަދި ދެކުނުގައި 20000 ހައުސިން ޔުނިޓްގެ މަޝްރޫޢު ހިންގެވުން ހިމެނެއެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މީގެތެރެއިން 1 ބިލިޔަން ރުފިޔާ ހިމަނާފައި ވަނީ އުމްރާނީ މަސައްކަތްތަކަށެވެ.