އިންތިހާނު ތަކުގެ މުގައްރަރު ތަކަށް ބޭނުންވާ ފޮތް ލިއުމަށް ދިވެހި މުދައްރިސުންނަށް އަންނަ ހަފުތާގައި ހުޅުވާލާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ކެމްބްރިޖު އިމްތިހާނުގެ މުގައްރަރުތަކަށް ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އުފެއްދުމުގެ ގާބިލްކަން ދިވެހި މުދައްރިސުންގެ ކިބައިގައި ހުރި ކަމަށާއި، ފޮތްތައް ލިޔަން ޝައުގުވެރިވާ މުދައްރިސުންނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ރާއްޖޭގައި ރާއްޖެއިން ބޭރުގެ މުގައްރަރުތަކަށް ކިޔަވައިދީގެން ސާނަވީ އިމްތިހާނުތައް ބާއްވާތާ ޒަމާންތަކެއް ވެއްޖެ ކަމަށެވެ.
އެގޮތުން 1968ގައި ޔުނިވަސިޓީ އޮފް ލަންޑަން އެގްޒަމިނޭޝަން އެންޑް އެސެސްމެންޓް ކައުންސިލް (ޔޫއެލްއީއޭސީ)ގެ އިމްތިހާނު ރާއްޖޭގައި ދޭން ފަށައި، ފަހުން އެ އިމްތިހާނު އެޑްއެކްސެލްއަށް ރީބްރޭންޑުކުރެވި، 2001 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދެވުނުކަން ފާހަގަކުރެއްވިއެވެ. އަދި ސްކޫލުތަކުގެ ސާނަވީ އިމްތިހާނު، ކެމްބްރިޖު އިންޓަނޭޝަނަލް އެގްޒަމިނޭޝަނަށް 2002ގައި ބަދަލުކޮށް، އެ އިމްތިހާނު ހަދާތާ ވެސް 23 އަހަރުވެއްޖެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
އެހާ ދިގު މުއްދަތެއް ފާއިތުވިއިރުވެސް އެ އިމްތިހާނު ހަދާ މާއްދާތަކުގެ ފޮތްތައް ގެންނަމުން ދަނީ ރާއްޖެއިން ބޭރުން ކަމަށްވާއިރު، ކެމްބްރިޖު އިމްތިހާނުގެ މުގައްރަރުތަކަށް ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އުފެއްދުމުގެ ގާބިލުކަން ދިވެހިރާއްޖޭގެ މުދައްރިސުންގެ ކިބައިގައި ހުރިކަމަށް ގަބޫލުކުރައްވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
މިނިސްޓްރީން ބޭރުން ގަނެގެން ދަރިވަރުންނަށް ފޯރުކޮށްދޭ ފޮތްތަކުގެ ބަދަލުގައި ގިނަ ސްކޫލުތަކުގައި ދަރިވަރުން ބަރޯސާވަމުން ދަނީ ވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށް ދަރިވަރުންނަށް ދޭ ނޯޓުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ބޭރުން ގަނެގެން މިހާރުދެވޭ މަސައްކަތު ފޮތަށް ވުރެ މާ ފެންވަރު ރަނގަޅު، ސީދާ އިމްތިހާނަށް އަމާޒުކުރެވިފައިވާ ފޮތްތައް ވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްފައި ވާކަން ފާހަގަކުރައްވާފައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ އެހެންވެ ފޮތްތައް ލިޔަން ފުރުސަތު ފަހިކޮށް އެކަށީގެންވާ އަގެއްގައި ދިވެހި މުދައްރިސުންނަށް ހުޅުވާލައިފި ނަމަ އޭގެ މަންފާ ބޮޑުވާނެ ކަމެށް ގަބޫލު ވެސް ކުރައްވާ ކަމަށެވެ.
އަދި ފޮތްތައް ގަންނަން ބޭރަށް ކުރާ ހޭދަ ގައުމުގެ ތެރޭގައި ހިފެހެއްޓުމާއި، އެފަދަ ފޮތް ލިޔުމުގެ ހުނަރުވެރިކަން އިތުރުވުގެން ދިއުމާއި، މިހާރު ބޭރުން ގަނެގެން ދަރިވަރުންނަށް ފޯރުކޮށްދޭ ފޮތްތައް ބޭނުން ނުކުރުމުގެ ސަބަބުން ސްކޫލުތަކުން ނޯޓު ޕްރިންޓު ކުރުމަށް ކުރާ ހޭދަ ކުޑަކުރެވުމުގެ އިތުރަށް ތިމާވެއްޓާއި ރައްޓެހި އާދަކާދަތައް އަށަގަންނެވުމަށް އިތުރު ބާރަކަށް ވެސް މިކަން ވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ، މި އަންނަ ހަފްތާގައި ފޮތްތައް ލިޔަން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެ. ފަރުދެއްގެ ގޮތުގައި ވެސް އަދި ޓީމެއްގެ ގޮތުގައި ވެސް ފޮތާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކޮށް ވިއްކަން ހުށަހެޅިދާނެ، މިކަމުގައި ތަޖުރިބާ ހުރި މުދައްރިސުން އިސްނެންގެވުން އެދެން.“މިނިސްޓަރު ވިދާޅުވެފައި ވެއެވެ.