ވަޒީފާގައި ފަރުވާ ކުޑަކުރާނަމަ ބަރަކާތް ކެނޑިދާނެ : ޚުތުބާ

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

ވަޒީފާގެ މާހައުލުގައި ކުރެވޭ މަސައްކަތްތަކުގައި ފަރުވާ ކުޑަ ކުރާނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

”މަސައްކަތުގެ އަޚުލާގު“ އަށް ޚާއްސަ ކުރެވިފައިވާ މިއަދުގެ ހުކުރު ޚުޠުބާގައި ބުނަނީ ވަޒީފާގެ މައިދާނުން ރިވެތި މާތް އަޚުލާގީ ސިފަތައް ފެންނަން ޖެހޭ ކަމަށާއި، ކޮންމެ މުވައްޒަފަކީވެސް އޭނާ ވާ ކޮންމެ ތަނެއްގައި އޭނާ ހެއްދެވި މަގުސަދުގެ މަތިން ހަނދާންކޮށް އެމަގުސަދު ހާސިލް ކުރުމަށް މަސައްކަތްކުރަންޖެހޭ މީހެއް ކަމުގައެވެ.

އިސްލާމީ ޝަރީއަތާ އަދި ވަޟައީ ގާނޫނު ބުނެދޭ މަތިވެރި އަޚުލާގުގެ އެންމެ ކުރީގައި ވަނީ އަހުދަށް ރައްކާތެރިވުން ކަމަށާއި ހަވާލުކުރެވޭ ޒިންމާ ފުރިހަމައަށް އަދާކުރުން ކަމަށެވެ. މުވައްޒަފެއްގެ ހައިސިއްޔަތުން އެއްބަސްވެ، ސޮއިކުރި ވަޒީފާ ބަޔާނާ އެއްގޮތަށް އަމަލުކުރުމެވެ. ވަޒީފާގެ މަސްއޫލިއްޔަތަކީ، މުވައްޒަފު ރައްކާތެރިވާން ޖެހޭ ބޮޑު އަމާނާތެއް ކަމަށާއި ވެވޭ އަހުދަކާއި އަގުދެއް ކަމަށެވެ.

ޚުތުބާގައި ބުނީ ވަޒީފާގެ ވެށީގައި ކުރެވޭ މަސައްކަތްތަކުގައި މާތްﷲ ބަރަކާތްލައްވާނީ، އިހުލާސްތެރިކަމާއެކު އެކަން ކޮށްގެން ކަމަށާއި އަދި ހަވާލުކުރެވޭ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކޮށްގެން ކަމަށެވެ.

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ މަސައްކަތުގެ ބަރަކާތް ކެނޑިދާނެ ކަމަށާއި ވަޒީފާގެ ވެއްޓާއި ނިޒާމު އޮންނަންވާނީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގަނެވޭނެ ގޮތަށް ރާވައި ތަރުތީބު ކުރެވިފައި ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން، ވަޒީފާގެ އުސޫލުތަކާއި ވެށި ބައްޓަން ކުރަންވާނީ، ފަރުޟު ނަމާދު އަދާކުރެވޭނޭ ގޮތަށް ކަމަށްވެސް ޚުތުބާގައި ބުންޏެވެ.

”ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށް ޓަކައި ވެވޭ އެއްބަސްވުމަކަށް ނުހަދާށެވެ. ސޮއިކުރާ އަގުދަކީ އޮފީސް ވަތްގަނޑުގައި ބާއްވާލުމަށް ކުރަހައިލެވޭ ތަސްވީރަކަށް ނުހަދާށެވެ. އެހެނީ، ވަޒީފާ ބަޔާނަކީ ޚިދުމަތް ފޯރުކޮށް ދިނުމަށް ހިފޭ އަހުދު ކަށަވަރެކެވެ. އެހެންކަމުން އެ ޢަޤުދުގައި ލިޔެވިފައިވާ ކޮންމެ ލަފުޒަކަށް، ޖުމްލައަކަށް ފަރުވާތެރިވެ ރައްކާތެރިވާށެވެ،“ ޚުތުބާގައި ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top