ބ އަތޮޅުގެ ސީ އެމްބިއުލާންސަށް ޑްރައިވަރެއް ހޯދަން ޑިފެންސް މިނިސްޓްރީން އިއުލާން ކޮށްފި އެެވެ. ބ.އަތޮޅާއެކު އިތުރު ދެ އަތޮޅެއްގެ ސީ އެމްބިއުލާންސަށް ޑްރައިވަރުން ހޯދަން އިއުލާން ކޮށްފަ އެވެ.
މިކަމާބެހޭ މައުލޫމާތު ހާމަކުރަމުން މިނިސްޓްރީން ބުނީ ތ. ވޭމަންޑު އާއި ބ. އޭދަފުށީގެ އިތުރުން ދ. ކުޑަހުވަދޫގައި އޮންނަ ސީ އެމްބިއުލާންސްގެ ޑްރައިވަރުންގެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 9 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާ އެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން A,B,C ލައިސަންސް ލިބިފައިވުމެވެ. މީގެ އިތުރުން ޕެޓްރޯލާއި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާ އެކު، އެފަދަ އުޅަނދުފަހަރު ދުއްވުމުގެ ދެއަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަ ވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ސިއްހަތެއްތެއްގައިހުރި މީހަކަށް ވާން ޖެހެއެވެ.
ސީ އެމްބިއުލާންސްގެ ޑްރައިވަރުންގެ އަސާސީ މުސާރަ އަކީ މަހަކީ މަހަކު 5020ރ. އެވެ. މީގެ އިތުރުން ސާވިސް އެލަވަންސަށް މަހަކު 2000ރ. އާއި ސްޕެޝަލް ޑިއުޓީ އެލަވަންސަށް މަހަކު 1757ރ. އާއި ޔުނީފޯމް އެލަވަންސަށް މަހަކު 100ރ. ލިބޭނެ އެވެ. އަދި ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް 20ރ. އާއި ،ޝިފްޓް ޑިއުޓީ އެލަވަންސާއި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ އެވެ.
އިތުރު މައުލޫމާތު ހޯދުމަށް 3313724 ގެ ނަންބަރު ފޯނުން ލިބޭނެކަމަށް މިނިސްޓްރީން ބުނެއެވެ.