މިރޭ ކުޅޭ ގޯލްޑްކަޕް ފައިނަލް މެޗަަށް ބ. އޭދަފުއްޓަަށް ޓިކެޓް ވިއްކީ އުސޫލުގެ ތެރެއިން ކަމަަށް އެ މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފިއެވެ.
އޭދަފުށީ ސަޕޯޓަރުންނަށް 1800 ޓިކެޓާއި އައްޑޫ ސަޕޯޓަރުންނަށް 800 ޓިކެޓް ވިއްކާފައިވާތީ އައްޑޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް ގޯލްޑް ކަޕުގެ އޮފިޝަލެއް ‘ވަގުތު’ ނޫހަށް މިކަން ހިނގި ގޮތް ސާފުކޮށްދެއްވަމުން ދެއްވަމުން ވިދާޅުވީ ހޯމް އަވޭ އުސޫލުން އޭދަފުއްޓަށް ގިނަ ޓިކެޓު ލިބުނީ ކަމަށެވެ.
އޭ ޓީމުގެ ގޮތުގައި އޭދަފުށި އޮތް އިރު، އޭ ޓީމަށް މުބާރާތް ފެށުނީއްސުރެ ހަމަ ޖެހިފައިވަނީ އޮލިމްޕަސް ފަޅިއެވެ. އަދި ބީ ޓީމަށް ސަހަރާ ފަޅި ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން ދަނޑުގެ ވަކި ސަރަހައްދު ތަކެއް ބޭނުން ކުރުމުގެ ހުއްދަ ލިބިފައި ނުވާތީ އައްޑޫ ޓީމަށް ލިބުނު ޓިކެޓު މަދުވީ ކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.
”މިހާރުވެސް މަސައްކަތް ކުރަމުން ދަނީ ކަމާ ގުޅުންހުރި އިދާރާތަކާއި ވާހަކަ ދައްކައިގެން ބަންދުކޮށްފައިވާ ސަރަހައްދު ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަ ޖެއްސުމަށް، އެގޮތަށް ހަމަޖެހިއްޖެ ނަމަ އިތުރު ޖާގަ ލިބިގެން ދާނެ” އޮފިޝަލް ވިދާޅުވިކަމަށް ”ވަގުތު“ގައި ބުނެފައި ވެއެވެ.