ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ހަވީރު ކުޅުނު މެޗުން އަލީ ނަސީމް (އައްޔަ)ގެ ހެޓްރިކާއެކު އޭދަފުށިން ތުޅާދޫ ބަލިކޮށްފިއެވެ.
ގަލޮޅު ގައުމީ ދަނޑުގައި ކުރިއަށް ގެންދާ ގޯލްޑް ކަޕްގެ ގްރޫޕް ބީގެ ދެވަނަ މެޗުގައި ވަރުގަދަ އޭދަފުށިން ތުޅާދޫ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން މާ ގިނައިރެއް ނުވެ، އޭދަފުށީގެ ކުޅުންތެރިން ތުޅާދުއަށް ނުރައްކާ ކުރަމުން ގެންދިޔައެވެ. ޚާއްސަކޮށް ކެޕްޓަން އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު ފޮނުވާލި ހަމަލާތައް ފާހަގަކުރެވުނެވެ. އެ ހަމަލާތަކާއެކު 15 މިނެޓުވެސް ނުވަނީސް ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ޓީސީ ޖާޒީގައި ގިނަ މެޗުތަކެއް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އަޖުފާނެވެ.
އޭގެ އިތުރުން ފުރަތަމަ ހާފުގައި ޖައުޝަން މުހައްމަދު (ޖައުޅޭ) އޭދަފުއްޓަށް ދެވަނަ ގޯލު ވަނީ ޖަހައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އައްޔަ ވަނީ އޭނާގެ ފުރަތަމަ ގޯލާއެކު އޭދަފުއްޓަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެންވެސް މާ ގިނައިރެއް ނުވެ، އައްޔަ އޭނާގެ ދެވަނަ ގޯލު ޖަހައި، ހެޓްރިކް ފުރިހަމަކުރީ 70 ވަނަ މިނެޓުގައި ހާފު މެދެއްހާ ހިސާބުން ސީދާ ގޯލުގެ ކަނަށް އަމާޒުކޮށްލި ގޯލުންނެވެ.
މެޗުގައި ތުޅާދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ހުސެއިނެވެ.
ގޯލްޑް ކަޕްގައި އޭދަފުށި ކުޅޭ ދެވަނަ މެޗު އޮތީ އަންނަ ބުދަ ދުވަހު ހަވީރު ތިމަރަފުއްޓާ ދެކޮޅަށެވެ. ތިމަރަފުށި ވަނީ ފުރަތަމަ މެޗުގައި މާލެ ސިޓީއާއި ވާދަކޮށްް 0-4 ގެ ނަތީޖާއިން ބަލިވެފަ އެވެ.