ޒުވާބެއްގެ ތެރޭގައި މީހެއްގެ މޫނަށް ވެލިމުށެއް ޖެހި މީހަކު ކުރިމިނަލް ކޯޓުން 8000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމެއްގައި، ދެމީހެއްގެ ދެމެދުގައި ހިނގާދިޔަ ހަމަނުޖެހުމެއްގެ ތެރެއިން ބިންމަތިން ވެލި މުށެއް ނަގައި މީހެއްގެ މޫނަށް ޖެހި މީހެއްގެ މައްސަލަ މެޖިސްޓްރޭޓް ކޯޓަކަށް ހުށަހަޅައިގެން ކުރިއަށް ގެންދެވުމުގެ ތެރޭގައި ދައުވާ ލިބެ ފަރާތުން ކުށަށް އިއުތިރާފު ވެފައިވާތީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ޓަކައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ބަދަލުކޮށްްފައިވާ ކަމަށާއި އެ ކޯޓުން އެމައްސަލަ ބަލާފައި ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
އެ މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ދައުވާ ލިބޭ ފަރާތުން ކުށަށް އިއުތިރާފު ވެފައިވާތީ އަދަބާ ބެހޭގޮތުން ދައުވާ ލިބޭ ފަރާތާ ދައުލަތާ ދެމެދު ވާހަކަދެއްކުމުގެ ފުރުސަތު ދެއްވާފައިވާކަމަށެވެ. އެގޮތުން ގާނޫނު އުގޫބާތުގެ 1106 ގެ (ށ) އަށް ރިއާޔަތްކޮށް ދައުވާލިބޭ ފަރާތަށް އެމައްސަލައިގާ ކަނޑައެޅިފައިވާ 27 ދުވަހުގެ ޖަލުހުކުމުގެ އަދަބުގެ ތެރެއިން މައްސަލައިގެ ތަހުގީގުގެ ތެރޭގައި ދައުވާ ލިބޭ ފަރާތް ބަންދުކޮށްފައިވާ މުއްދަތު އުނިކުރުމުން ހުކުމުގެ މުއްދަތަކީ 12 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ވީމާ އެ އަދަބު 8000 ރުފިޔާގެ ޖޫރިމަނާ އަކަށް ބަދަލުކޮށްް 20 ނޮވެމްބަރު 2024 އިން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާ ޚަލާސްކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.