މުދައްރިސުންގެ ފަންނީ ގާބިލްކަން އިތުރުކުރޔމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި “އެޑިޔުކޭޝަން ސެންޓާ ފޯ އެކްސެލެންސް” ގެ ނަމުގައި ސެންޓަރުތަކެއް ގާއިމުކުރަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ރޭ ވިދާޅުވީ އަންނަ އަހަރު ތައުލީމީ ދާއިރާއިން އެންމެ ބޮޑު އިސްކަމެއް ދޭނީ މުދައްރިސުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކަމަށެވެ.
އެކަމަށް ހާއްސަކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޑިއުކޭޝަން ސެންޓާ ފޯ އެކްސެލެންސްގެ ނަމުގައި ސެންޓަރުތަކެއް ހެދުން ހިމެނޭ ކަމަށެވެ.
އެތަނުން މުދައްރިސުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ޕްރިންސިޕަލުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފޯރުކޮށްދިނުމުގެ އިތުރުން ސްކޫލް އިވެލުއޭޝަންގެ މަސައްކަތްތައް ހަރުދަނާ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ތައުލީމީ ރެކޯޑު ބަލަހައްޓާ ސިސްޓަމް، މީމިސްގެ ބަދަލުގައި އާ ސިސްޓަމެއް ތައާރަފު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ސިސްޓަމް މެދުވެރިކޮށް، މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތާއި ދަރިވަރުންގެ ރެކޯޑުތައް މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓޭނެ ކަމަށާއި އަދި ޓީޗަރުންގެ މައުލޫމާތު ވެސް އޭގައި ހިމަނާނެ ކަމަށް ވިދާޅުވިއެވެ.
”އާ ސިސްޓަމް ފަރުމާ ކުރަނީ މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ނުވަތަ އެހެން ބޭނުންތަކަށް އިދާރާއަކަށް މައުލޫމާތު ހިއްސާ ކުރެވޭނެ ގޮތަށް “މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ދިވެހި ޓީޗަރުން އިތުރު ކުރުމުގެ ޕްރޮގްރާމް މިދިޔަ މަހު ވަނީ ފަށައިފައެވެ. މި ޕްރޮގްރާމްގެ ދަށުން އަހަރަކު 150 މުދައްރިސުން ތަމްރީނު ކުރުމަށް މިނިސްޓްރީން ވަނީ ނިންމައިފައެވެ.