ދަރިފުޅަށް ޚަރަދު ނުދޭ ބައްޕައަކު، އެއް މަސް ދުވަހަށް ޖަލަށްލައި، އޭނާގެ ޕާސްޕޯޓު ހިފަހައްޓައި، ބޭންކު އެކައުންޓު ފްރީޒްކޮށް، ތިން މަސް ދުވަހުގެ ތެރޭގައި ހުރިހާ ފައިސާއެއް ދެއްކުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ ގއ. މާމެންދޫ، ހަނދުވަރީމަންޒިލް، ޝަމީމް މުހައްމަދުގެ މައްޗަށެވެ.
ދަރިފުޅަށް ކޯޓު މެދުވެރިކޮށް ކަނޑައަޅާފައިވާ ގޮތަށް ގަވާއިދުން ޚަރަދު ނުދޭތީ އެ މައްސަލަ ހުށަހެޅީ ކުއްޖާގެ މަންމައެވެ. މަންމަ ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތީ ކުއްޖާގެ ބައްޕަ ޖަލަށް ލައިގެން ވިޔަސް، ނުދައްކާ ހުރި ފައިސާ އެކީ އެއްފަހަރާ ލިބިގަތުމަށް ބޭނުންވާ ކަމަށެވެ.
ކޯޓުގެ ހުކުމުގައި ވާގޮތުން ނަމަ މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް ކުއްޖާގެ ޚަރަދުގެ ގޮތުގައި ނުދައްކާވާ ފައިސާގެ އަދަދު 153،504 އަށް އަރައެވެ. އޭނާ ފައިސާ ދައްކާފައިވަނީ ކޯޓުން ޚަރަދު ކަނޑައެޅި މަހު އެކަންޏެވެ. ޖަލަށްލިއިރު އެ މީހާގެ އެކައުންޓުގައި ހުރީ 950 ރުފިޔާއެވެ.
މި މައްސަލާގައި ކޯޓުން ހުކުމްކުރީ، ކުއްޖާގެ ބައްޕަ އެއް މަސް ދުވަހަށް ޖަލަށްލައި، ޕާސްޕޯޓު ހިފަހައްޓާށެވެ. އަދި އޭނާގެ އެކައުންޓު ފްރީޒްކޮށް އެކައުންޓުގައިވާ ފައިސާ ކުއްޖާގެ މަންމައާ ހަވާލުކޮށް، ނުދައްކާ ބާކީވާ ފައިސާ ތިން މަސްތެރޭ ދައްކަން ހުކުމްކުރިއެވެ.
ހަމައެއާއެކު އެ ހުކުމުގައި ކުއްޖާގެ ބައްޕަގެ މައުލޫމާތު އާއްމުކޮށް ޝާއިއުކުރަން ވެސް ހުކުމްކުރިއެވެ.
ދަރިފުޅަށް ޚަރަދު ނުދީފިނަމަ އާއިލާ ބެހޭ ގަވާއިދުގެ ދަށުން އެ މީހާ ބަންދުކުރުމަށް ފަހު އެކައުންޓް ފްރީޒުކޮށްގެން އޭގައި ހުރި ފައިސާ ނެގޭނެއެވެ.