މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސަރުކާރުން ފޯރުކޮށްދޭ ސޯލާ ޚިދުމަތަށް އެދުމުގެ ފުރުސަތު ފެނަކަ ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
ފެނަކައިން ބުނީ އެކުންފުނިން ޚިދުމަތްދޭ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ދޫކުރާނީ ތިން ކިލޯ ވޯޓާއި ފަސްކިލޯ ވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތަކެއް ކަމަށެވެ.
ދޫކުރާ ސިސްޓަމްތަކުގެ ސައިޒް ކަނޑައަޅާނީ ނެޓް މީޓަރިން އުސޫލުގެ ދަށުން ފެނަކަ ކޯޕަރޭޝަނަށް ހުށައަޅާ ގޭބީސީތައް ސާވޭ ކުރުމަށްފަހު ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮގްރާމްގެ ދަށުން ހަރުކޮށްދޭ ސޯލާ ސިސްޓަމްތަކަށް ފައިސާ ދެއްކުމަށް ދެ ގޮތެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން އެއްފަހަރާ ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ނުވަތަ އިންސްޓޯލްމަންޓް އުސޫލުން އެއްއަހަރަށް ނުވަތަ ތިން އަހަރަށް ނުވަތަ ފަސް އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށްވެސް ހަމަަޖައްސައިދެއެވެ.
މި ޕްރޮގްރާމްގެ ދަށުން ދޫކުރާ ސޯލާގެ އަގުތަކަކީ 3 ކިލޯވޯޓު ސިސްޓަމެއްގެ އަގަކީ 45,000 ރުފިޔާ އެވެ. އަދި 5 ކިލޯވޯޓު ސިސްޓަމެއް 75,000 ރުފިޔާ އަށެވެ.
ޚިދުމަތަށް އެދެވޭނީ މިކަމަށް ހާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށް ފެނަކައިން ބުންޏެވެ.