ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭ 228 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
މިކަމާ ގުޅިގެން މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަކުރަން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން އަންގަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
މި ބަދަލާއެކު މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޚަރަދު ކުޑަކުރަން މިފަދަ ފިޔަވަޅެއް އަޅުއްވާފައިމިވަނީ، ރާއްޖެއިން މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރަން އަދިވެސް ނުފަށާތީ ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި، ފިޗް ރޭޓިން އާއި މޫޑީސް އިން ދާދި ފަހުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ވިދާޅުވީ އާ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު ހުންނާނީ 700 އާ ހަމައަށް ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން މިނިސްޓްރީތަކަށް ބޭފުޅުން އައްޔަން ކުރައްވަން ފެއްޓެވުމާއެކު ގިނަ އަދަދުތަކުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުން އައިކަމުގެ ވާހަކަތައް ދެކެވެމުން ދެއެވެ.
ނަމަވެސް މިހާތަނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޖުމްލަ އަދަދު ރަސްމީކޮށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އެއާއެކު އިދިކޮޅު މައި ޕާޓީ އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މި ސަރުކާރުގައި 2،000އަށްވުރެ ގިނަ މީހުން ސިޔާސީ އެކި މަގާމުތަކުގައި އެބަ ތިއްބެވެ. އަދި އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ކަންބޮޑުވުން ވެސް އަންނަނީ ފާޅުކުރަމުންނެެވެ.