ޖަމާޢަތް ބޮޑު ނަމާދުތަކުގައި ސުންނަތް ވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ނަމާދުގައި ދިގު ސޫރަތްތައް ކިޔަވާތީ ޝަކުވާ ލިބޭ ކަމަށެވެ.
ވަޒީރު މިއަދު ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުކުރު ނަމާދު ފަދަ ޖަމާޢަތް ބޮޑު ނަމާދުތަކުގައި ބައެއް ޚަޠީބުން ވަރަށް ދިގުކޮށް ކިޔަވާކަމަށް ޝަކުވާ އަންނަ ކަމަށާއި މިފަދަ ޖަމާއަތް ބޮޑު ނަމާދު ތަކުގައި ސުންނަތް ވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން ކަމަށެވެ.
”ހުކުރު ނަމާދު ފަދަ ޖަމާޢަތް ބޮޑު ނަމާދުތަކުގައި ބައެއް ޚަޠީބުން ވަރަށް ދިގުކޮށް ކިޔަވާކަމަށް ޝަކުވާ އާދޭ. މި ފަދަ ޖަމާޢަތް ބޮޑު ނަމާދުތަކުގައި ސުންނަތް ވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން.“ ވަޒީރު ޝަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޖަމާޢަތުގައި ބަލިމީހުންނާއި އުޒުރުވެރިން އަދި ކުޑަކުދިން ވާނެކަން އިމާމުގެ ހަނދާނުގައި ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ވިއްސާރަ ވާއިރު ވިއްސާރައިގައި އަދި ގަދަ އަވިދޭ އިރު އަވީގައި ވެސް ޖަމާޢަތުގެ ބޮޑު ބައެއް އޮންނަ ކަމަށާއި މިފަދަ ކަންކަމާމެދު ސަމާލު ވުމަކީ ފިގުހުވެރިކަމުގެ ތެރެއިން ވާކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.