މިއަދަކީ ދިވެހި ރާއްޖޭގެ ފަޚްރުވެރި ގައުމީ ދުވަހެވެ. ގައުމީ އަބުތާލުންގެ ޒިކްރާ އާކުރަން ޖެހޭ ދުވަހެވެ. ގައުމީ ދުވަހުގެ ބަތަލު ކަމުގައިވާ މުހައްމަދު ތަކުރުފާނުގެ ގައުމީ ޖިހާދުގެ ވާހަކަ ދައްކަންޖެހޭ ދުވަހެވެ. މައިދާން ތަކާއި ހޮޅުއަށި ތަކުގައެވެ. މަދަރުސާ ތަކާއި އެކި އެކި އެއްވުން ތައް އެއާ ތަންތަނުގަ އެވެ. ޚާއްސަކޮށް ގައުމިއްޔަތުގެ ބިނާ ބޮޑުވަމުން އޭގެ އެންމެ އުސް ކުންނާ ހަމައަށް އައިގޮތް މި ޖީލުގެ ދަރިންޝައުގުވެރި ވާނެހައި ގޮތްތަގޮތަށް ޅެމުންނާއި ލަވައިންނާއި ޑްރާމާއިން އަދި އަދަބީ މުބާރާތްތައް ބާއްވައިގެން ފާހަކުރަން ޖެހޭ ދުވަހެވެ.
އެކަމަކު އެކަން ކުރެވޭނީ ގައުމީ ލޯބި ނުވަތަ ގައުމާ މެދު ވިސްނާ ފިކުރު ހިންގާ ބަޔަކު އުފެދިގެންންނެވެ. އަޅުގަނޑުމެން ކުޑައިރު ގައުުމީ ދުވަހާއި މިނިވަން ދުވަހާއި ޖުމްހޫރީ ދުވަސް ފަދަ ދުވަސްތައް ފާހަގަ ކުރަނީ އީދު ދުވަސް ފާހަގަކުރާ ފަދައިންނެވެ. އެކިއެކި މުބާރާތްތަކާއި ކުޅިވަރު ތަކުން އެ ދުވަހާއި ރޭގަނޑު އޮންނަނީ ފުރިފައެވެ. އަދަބީ މުބާރާތްތަކާ އެކު ގައުމީ ދުވަހުގެ ބަތަލުގެ ހަނދާން އާކުރުމުގެ ގޮތުން މަދަރުސާގައި ޚާއްސަ ޖަލްސާ އެއްވެސް ބާއްވައެވެ. އެހެންވީމާ އަޅުގަނޑުމެންނަށް ގައުމީ ދުވަސް އެނގޭވަރަށް މިހާރުގެ ދަރިންނަށް ނޭނގެ އެވެ. ގައުމީ ދުުވަހަކީ ކޮން ދުވަހެއްކަން ވެސް ގިނަ ކުދިންނަށް އޮންނަނީ ނޭނގިފައެވެ.
ގައުމީ ދުވަސް ފާހަގަ ކުރުމުގައި ފަހުގެ ސަރުކާރު ތަކުން އޮތީ ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްލާފައެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުން އެކަނި ފުއްދާލަނީއެވެ. މިދެންނެވީ މާލޭގައި ޖަލްސާއެއް ނުބާއްވާ ވާހަކައެއް ނޫނެވެ. އެކަމަކު އެކަންވެސް ރާއްޖެ ތެރޭގައި މިހާރަކު ނޯވެއެވެ. މަދުބަޔަކަށް ދައުވަތު ދީގެން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށްވެސް ގަޔާވެގެން ދަަނީ އިނގިލިކުރިން ގުނާލެވޭހައި މަދު ބައެކެވެ. އެވެސް ވަޒީފާގެ ބިރަށެވެ.
މިވަރުން ފުއްދާލެވިގެން ނުވާނެއެވެ. ”މާޒީގެ އުޖާލާ މަންޒަރުތައް، މާރީތި އުފާވެރި ކުރެހުންތައް “މިއަށްވުރެ މާބޮޑަށް ފާހަގަކުރަން ޖެހެއެވެ. ގައުމީ ލޯބި ހިތްތަކުގައި އާލާ ކުރުމަށެވެ. ގައުމުގެ ލޯބި ވާން ދަސްކޮށްދިނުމަށެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ގައުމިއްޔަތު ދިރުވައި އާލާކުރުމެވެ. ގައުމިއްޔަތަކީ އެގައުމެއްގެ ބަޔަކު ރައްކާކޮށް ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ބޭނުންވާ ދިރިއުޅުމުގެ އަގުތަކާއި އުސޫލުތަކެވެ. މި އުސޫލުތައް ކޮންމެވެސް ވަރަކަށް ބަދަލުވަމުން އައި ކަމަށްވިޔަސް ނަމަވެސް ގައުމީ ލޯބި އުފެއްދުމަކީ އަބަދުވެސް ބަދަލުވުމެއް ނެތި ކުރިއަރުވަން ޖެހޭ މުހިންމު އެއް ބަހާއެވެ.
ގައުމީދުވަސް ކޮންމެ އަހަރަކުވެސް އައިސް ހިނގައިދެއެވެ. މިއަދަކީ އެދުވަހެވެ. ހިޖުރީ ގޮތުން ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހެވެ.ގާތްގަނޑަކަށް 15 އަހަރުގެ ދިގު މުއްދަތަކަށް ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށުން، އައްސުލްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ނުވަތަ ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވި ދުވަހެވެ. ކުރީގައިހެން އެދުވަސް ފާހަގަކުރަން ސަރުކާރަކުން ނޫޅެއެވެ. ކައުންސިލުތަކާއި ކްލަބް ޖަމިއްޔާތަކަކުންވެސް ނޫޅެއެވެ. ސަރުކާރުންވެސް މިއީ ޚާއްސަކޮށް ފާހަގަކުރަންޖެހޭ ދުވަހެއް ނޫނޭ ބުނާ ކަހަލައެވެ. ގައުމީ ދުވަހެވެ. އެކަމަކު ހީވެސް ނުވެއެވެ