މާލޭގައި ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކޮށް އެތަކެތި ވިއްކަމުން ދިޔަކަމަށް ބުނާ މީހާ ހައްޔަރު ކޮށްފިއެވެ.
އެކަމަށް ތުހުމަތު ކުރެވެނީ ބަންގާޅުގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިންއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، ބުޅާ މަސްއަޅައިގެން ކާ އެއްޗެހި ތައްޔާރު ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
މާލޭގެ މޭރީބްރައުން ކައިރި ޕާކިން ޒޯނުގައި އަރްފާތް ޕްލާސްޓިކް ކޮތަޅެއް ހިފައިގެން ހުރުމުން ދިވެއްސަކު އޭނައާ ސުވާލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އެ ވީޑިއޯގައި އެއީ ބުޅާތައް ގެއަށް ގެންދަން ބޭނުންކުރާ ކޮތަޅު ކަމަށް އަރްފާތް ބުނެ އެވެ.
މި ވީޑިއޯކުރި ދިވެހިމީހާ ވަނީ އަރްފާތު ދިރިއުޅޭ ގޭގެ ވީޑިއޯވެސް އާންމުކޮށްފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެއީ ކާބޯތަކެތި ތައްޔާރުކުރުމަށް ހާއްސަކޮށްފައިވާ ތަނެކެވެ.
މީގެ އިތުރުން ބުޅާ ރޯ އަޑު އެ ސަރަހައްދުން އިވޭ ކަމަށާއި ބުޅަލުގެ ގުނަވަންތައް އެ ގޭގެ ތެރެއިން ފެނިފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނާ ކަމަށް އެ ވީޑިއޯގައި ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލެއިން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ބިދޭސީމީހާ ހޯދުމަށް އިމިގްރޭޝަނުންވެސް އޮތީ އިއުލާނު ކޮށްފައެވެ.