ރޯގާޖހިގެން ބޭނުން ކުރާ ބޭހެއް ކަމުގައިވާ އެލެގްރާގެ ތިން ބެޗެއް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މަނާކޮށްފިއެވެ.
މި ބޭސް ބޭނުން ކުރުން މަނާކޮށްފައި ވަނީ މި ބޭހުގެ ތިން ބެޗަކުން ކޮލިިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވަނީ އެލެގްރާ (30mg/5ml) ގެ ބެޗް ނަންބަރު AL1223019, AL1223029, AL1223060 ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. މިއީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ސަނޯފީ އިންޑިއާ ލިމިޓެޑްއިން އުފައްދާ ބޭހެކެވެ.
އެމްއެފްޑީއޭ އިން ބުނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ އެލެގްރާ ބޭހުގެ ތިންބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބޭސް އުފައްދާ ކުންފުނިން ވަނީ އެލާޓްކޮށްފައިވާ ކަމަށެވެ.
އެ ބެޗުތައް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެމްއެފްޑީއޭގެ އީމެއިލް މެދުވެރިކޮށް އެންގުމަށް ވެސް ވަނީ އެދިފައެވެ.
އެ އޮތޯރިޓީން ބުނީ ބޭހާ ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު، 7200321 އަށް ގުޅުމަށް އެދޭ ކަމަށެވެ.
އެލެގްރާ ސަސްޕެންޝަނަކީ އެލާޖިކްވުމުގެ ސަބަބުން ދިމާވާ ތަފާތު އަލާމާތްތަކަށް ފަރުވާ ދިނުމަށް ދޭ ބޭހެކެވެ. މި ބޭސް އާއްމުގޮތެއްގައި ދެނީ ކުޑަކުދިންނަށެވެ. ބޭސް ދޭ ހާލަތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ލޮލުގައި ރިއްސުން ނުވަތަ ލޯ ރަތްވުން އަދި އާދައިގެ ރޯގާ ހިމެނެއެވެ.