ބިދޭސީއަކު ރާއްޖެގެނެސް އޭނާއާއި މެދު އިހުމާލުވާ މީހުން ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބިދޭސީއަކު ރާއްޖެ ގެނައުމަށްފަހު، ވަޒީފާދޭ ފަރާތުން އޭނާއާމެދު އިހުމާލު ވެއްޖެނަމަ އަޅާނެ ފިޔަވަޅުތަކެއް ބަޔާން ކޮށްފައެވެ.
އެގޮތުން އިހުމާލުވީ މީހާގެ މައުލޫމާތު އާންމު ކުރުމާއެކު އެފަރާތެއް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ބިދޭސީން ގެނައުމުގެ ހުއްދަ އެފަރާތަކަށް ވަކި މުއްދަތަކަށް ދިނުން ހުއްޓާލެވޭނެ ކަމަށް އިސްލާހުގައިވެއެވެ.
ވަޒީފާދޭ ފަރާތުގެ އިހުމާލުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވަނީ ބިދޭސީ މުވައްޒަފަށް މުސާރަ ނުދިނުމާއި އަސާސީ ޚިދުމަތްތައް ކަމަށް އެގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކުރުމާއި ބިދޭސީން ރާއްޖެ ގެނައުމުގައި އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމާއި އެމީހުން ލައްވާ ގާނޫނާ ޚިލާފު އަމަލުތައް ހިންގުމާއި ބިދޭސީ މަސައްކަތްތެރިޔާ ރާއްޖެ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުވުމެވެ.
ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ވޯކްޕާމިޓް ހޯދުމާއި ކޯޓާ ދޫކުރުމުގެ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު ގަވައިދާ ހިލާފަށް ހިންގާ ތަންތަން ކުރިން އެންގުމަކާ ނުލައި ބަލައި ފާސްކުރުމާއި ބިދޭސީން ކައިރިން މައުލޫމާތު ހޯދުން ފަދަ ބާރުތައް ކަމާބެހޭ މުއައްސަސާތަކަށް ދިނުމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.