3،000 މީހުންނަށް ވުރެ އާބާދީ ކުޑަރަށްރަށަށް ތިން ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނާރެސް ޕޯޓަލްއާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފޭސް އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ ފަރާތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ 3،000 މީހުން ހަމަވާ އާބާދީތަކަށް ތިން ކައުންސިލަރުންނަކީ ރަނގަޅު އަދަދެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މީގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ މީގެތެރޭގައި ތިއްބަވާނީ ކައުންސިލްގެ ރައީސްގެ އަންހެނުންގެ ރައީސެއްގެ ގޮތުން އަންހެން ކައުންސިލަރަކާއި އަދި ޒުވާނުންގެ ފަރާތުން ޒުވާން ބޭފުޅެއް ކަމަށެވެ.
”އަޅުގަނޑު ހިތުން 3،000 މީހުންނަށްވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި ތިން މީހަކު އިންތިހާބު ކުރީމައި ފުދޭނެ. ކައުންސިލުގެ ރައީސަކާއި އަދި އިތުރު ދެ ބޭފުޅުން. އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބުކުރާ އަންހެނުންގެ ރައީސާއަށްވުމާއި އަދި އެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބުކުރާ ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ މީހަކަށްވެ، ތިން ބޭފުޅުން ތިބެ، ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް ދެން ހޮވާ ދެ ބޭފުޅުންގެ ތެރެއިން އެކަކު އެއީ ކާކުކަން ނައިބު ރައީސަކީ ރައްޔިތުން ހިޔާރުކުރީމައި،“ ރައީސް ވިދާޅުވިއެވެ.
އެއީ މީގެ ކުރިން 2014 ވަނަ އަހަރު އަދި 2017 ވަނަ އަހަރު ވެސް ރަށްރަށަށް ކައުންސިލަރުން އިންތިހާބު ކުރި އަދަދެވެ. ފަސް ކައުންސިލަރުންނަށް އިތުރުކުރީ 2021 ވަނަ އަހަރުއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރު ވިސްނާފައިވާ ގޮތަށް ލާމަރުކަޒީ ނިޒާމަށް ވަކިން ހާއްސަކޮށް ކައުންސިލްތައް އެކުލެވިގެންވާ ގޮތަށް ބަދަލުތައް ގެނައުމުން ކައުންސިލް ތަކުގެ ހިންގުން ރަނގަޅުވެ މުއައްޒަފުންނަށް ދެވޭ މުސާރަވެސް ރަނގަޅުކުރެވިގެން ދާނެ ކަމަށެވެ. އަދި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވި ސިވިލް ސާވީސްގެ މެމްބަރުންނަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާންކުރެއްވީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. ރައީސް އެ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ލޯކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދު މަދުކޮށްލުމަށް ގާނޫނުއަސާސީއާއި ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.