މަނީ ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާރޗަންޓުން އަންބްލޮކް ކޮށް މުއާމަލާތްކުރެވޭގޮތް މިއަދު ހަމަޖައްސައިފިއެވެ.
މި ބަދަލާއެކު ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ އެވެ.
މި ކާޑުތަކުގެ އިތުރުން ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ، މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭ ހިނދު އެފާރަތްތަކަށް އެހީތެރިވުމުގެ މުހިންމު ކަމަށް ބަލައި ގެނެވުނު ބަދަލެއް ކަމަށެވެ.
“އަދި ހަމައެހެންމެ މިއީ ބޭންކިންގ އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސްމެ.” ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.