ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން، އަންނަ މަހުގެ 21 ވާ އާދީއްތަ ދުވަހާއި، 22 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
އޭޕްރީލް 21 ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ، އެ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިޚާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައި ވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ޖެހިގެން އަންނަ 22 އެޕްރީލް ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، އިންތިޚާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު ގުނުމާއި ނަތީޖާ އިއުލާނު ކުރުމާއި، އެ ނޫންވެސް އިންތިޚާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހުވެސް ކުރިއަށް ދާނެތީ، އިލެކްޝަންސް ކޮމިޝަނުން އެ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިފައި ވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ކުރިން ރޯދަ މަހު ބާއްވަން ހަމަޖެހިފައި އޮތް އިންތިޚާބު އަންނަ މަހުގެ 21 ވަނަ ދުވަހަށް ފަސްކުރަން އީސީން ނިންމީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު ރައީީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވަން އީސީން ކުރިން ނިންމާފައި އޮތީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ.