އެހެން މީހުންގެ އުނި ސިފަތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްލާހު ކުރުން މުހިންމު: ޚުތުބާ

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

އެހެން މީހުންގެ ކިބައިގައި ހުރި އުނި ސިފަތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްލާހު ކުރުން މުހިންމު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެެވެ.

”ޤައުމު އިސްލާހު ވުން އޮތީ ނަފްސުތައް އިސްލާހު ވެގެންނެވެ“ މިމައުޟޫއަށް ބިނާ ކޮށް ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ އިންސާނީ މުޖުތަމައުއާއި މުޅި ގައުމު އިސްލާހުވެ، އަމާންކަމާއި މިިނިވަންކަން ލިބި، ފަރުދުންގެ ގުޅުންތައް ބަދަހިވެ، ތިޔާގި ކަމާއި އުފާ ފާގަތިކަން ލިބުން އޮތީ ނަފުސު އިސްލާހު ކޮށްގެން ކަމަށެވެ. އެހެންކަމުން ގައުމުގެ ކޮންމެ ފަރުދަކުމެ އަމިއްލަ ހާލާމެދު އަދި އަމިއްލަ ނަފުސުގެ އުނިކަމާ މެދު ފިކުރު ކުރުން މުހިންމު ކަމަށް ޚުތުބާގައި ބުންޏެވެ.

އޭރުން، އިސްލާހު ކުރަން ޖެހިފައިވާ ކިތަންމެ ކަމެއް ފެންނާނެ ކަމަށާއި އެ ކަންކަމުގެ ސަބަބުން މުޅި މުޖުތަމައަށް ކުރާ ނޭދެވޭ އަސަރު ފެންނާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ،

“ހަގީގީ މުޖާހިދަކީ ﷲއަށް ޓަކާ ތިމާގެ ހަވާނަފުސާ ދެކޮޅަށް ޖިހާދު ކުރާ މީހާއެވެ،”

ޚުތުބާގައި ބުނީ، އެންމެ މުހިންމު ވެގެންވަނީ، ހަވާ ނަފުސުގެ މައްޗަށް ގަދަވެގަނެ ތިމާއަށް އަމުރުކުރާ ފަރާތަކީ ތިމާގެ ހަވާނަފުސަށް ވިޔަ ނުދިނުން ކަމަށެވެ. އަދި، ހަވާނަފުސާ ދެކޮޅަށް ގަދައަޅާ މަސައްކަތް ކުރުމުގައި ކާމިޔާބު ހޯދާ މީހުންނަކީ ހަގީގީ މާނައިގައި ތެދުމަގު ލިބިގަތުމަށް ޖިހާދު ކުރާ މީހުން ކަމުގައި ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނެފައިވަނީ މުޅި ގައުމު އިސްލާހުވުން އޮތީ ކޮންމެ ފަރުދެއްގެ އަމިއްލަ ނަފްސުގައި ހުރިނަމަ ހުރި ނުބައިކަމަކާއި ދުރުވެގެން ކަމަށެވެ. މިކަމަށް އޮތް ހަމައެކަނި މަގަކީ, އެހެން މީހުންގެ ކިބައިގައި ހުރި އުނި ކަންތައްތަކާއި, ޢައިބުތަކުގެ ވާހަކަ ދެެއްކުމުގައި ވަގުތު ބޭކާރު ނުކޮށް, އަމިއްލާ ނަފްސާމެދު ހިޔާލު ކުރުމަށް ވަގުތު ހުސްކޮށްލުން ކަމަށް ހުތުބާގައި ބުންޏެވެ.

ﷲގެ ހައްގުތަކަށާއި އިންސާނުންގެ ހައްގުތަކަށް އަރައިގަނެވިފައިވާ ކަމަށް އިއުތިރާފުވާން ޖެހޭ ކަމަށާއި ތިމާގެ ނަފްސުގެ އުނިކަމާއި ހުތުރު އާދަތައް ހަރުލާފައި އެބަހުރިކަން ގަބޫލުކޮށް, އެކަންކަމުން މިންޖުވުމުގެ މަގަށް އެނބުރި ރުޖޫއަ ވާން ޖެހޭ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top