އޭދަފުށީ ބަނދަރު ހެދުމުގެ މަޝްވަރާ އަށް އެމްޕީ ސަލީމް، އެމްޓީސީސީއަށް

405297134_677981674447529_900447321920718812_n.jpg

އެމްޕީ ސަލީމް އެމްޓީސީސީގެ އިސް ބޭފުޅަުން ކޮޅަކާ ބައްދަލު ކުރެއްވުން

ބ. އޭދަފުށީ ހުޅަނގު ފަރާތުގައި ސަރުކާރުން އަލަށް ހެދުމަށް ނިންމާފައިވާ ބަނދަރުގެ މަސައްކަތް ފެށުން އަވަސް ކުރުުމުގެ ގޮތުން އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް މިއަދު އެމްޓީސީސީގެ ސީއީއޯ މުއާޒު މުހައްމަދު ރަޝީދު އާއި ބައްދަލު ކުރައްވައިފި އެވެ.

އެދަފުށީގގައި އާ ބަނދަރެއް ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ވޭތުވެދިޔަ ދައުރު އެމްޓީސީސީ އަށެވެ. މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކައިރިވެފައި އޮއްވާ މަސައްކަތް ފެށިކަން  ދެއްކުމަށް އެކަމަށް ބޭނުންވާ ލޮރީއަކާއި އެހެން ދެ ވެހިކަލެއް ސައިޓަށް ގެންދިޔަ ވެސް މެއެވެ. ވޯޓާއެކު އެކަންވެސް ނިމިދިޔައީ އެވެ.

މިއަހަރުގެ ބަޖެޓުގައި އޭދަފުށިގެ ބަނދަރު ހެދުމުގެ މަޝްރޫއު ވަނީ ހިމަނާފަ އެވެ.

މި ބައްދަލު ވުމާބެހޭ ތަފްސީލް ދެއްވަމުން އެމްޕީ ސަލީމް ވިދާޅުވީ މިއަދުގެ ބައްދަލު ވުމުގައި މަޝްވަރާ ކުރެވުނީ  މި މަސައްކަތް އަވަހަސް ފެށުމާ ބެހޭ ގޮތުން ކަމުގައެވެ.

”އެބޭފުޅުން ވިދާޅުވީ މަސައްކަތް ފެށުން ލަސްވަނީ ކުރީ ސަރުކާރުން އެމްޓީސީސީއަށް ދައްކަންޖެހިފައި އޮތް 900 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ވާތީ އެކަމުގެ ސަބަބުން ކަމަށް. އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ ފައިސާކޮޅެއް ކުންފުންޏަަށް ލިބޭ އިރަށް މަސައްކަތް ފަށާނެ ކަމުގެ ޔަގީން ކަން އެބޭފުޅުން ދެއްވި.“ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މި މަސައްކަތް އަވަހަށް ފެށުމުގެ ގޮތުން މާދަމާ އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބް އާއި ބައްދަލު ކުރުމަށް އެޕޮއިންޓްމެންޓް ހަދާފައިވާ ކަމަށެވެ.

”މާދަމާ މިދަނީ އިންފްރާންސްޓްރަކްޗާ މިނިސްޓަރ އަރިހަށް. އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެކަމަށް މިބަލަނީ“

އޭދަފުށީގެ ހުޅަނގު ފަރާތުގައި އާ ބަނދަރެއް ހެދުމަސް އެމްޓީސީސި އާ ހަވާލުކުރި މިދިޔަ އަހަރު ޖޫން މަހުއެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަޅީގައި 303 މީޓަރުގެ ވާޓަރު ބަނދަރާއިއެކު 371 މީޓަރު ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 18 މީޓަރު ކޮންކުރީޓު ބްރިޖާއި، 119 މީޓަރުގެ ބޮޑުހިލަ ބޭރުތޮއްޓެއް ހެދުން ހިމެނެއެވެ. އަދި 63 މީޓަރުގެ ނެރުފައިކަށި ޖެހުމާއި، 5490 އަކަމީޓަރުގެ ސަރަހައްދެއް ހިއްކުމާއި، ވާޓަރުގައި ރޭމްޕެއް ހިމެނުމާއި، ވާޓަރާއި އިންވެގެން ޕޭވްމަންޓާއި، ބަނދަރު ބައްތި އަދި ނެރުބައްތި ގާއިމް ކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 64.67 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top