ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް އަށް އެމަގާމު ގެއްލި އަލަށް އުފެއްދި ޑިމޮކްރެޓްސް ޕާޓީއަށް ލިބިއްޖެއެވެ.
މަޖިލީހުގައި މިހާތަނަށް މައިނޯރިޓީ ޕާޓީ އަކީ ޕީޕީއެމް އެވެ. މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގެ 56 މެންބަރުންނާއެކު، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީއަށެވެ.
މިއަދު މަޖިލީސް ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ 10 މެންބަރަކު ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާކަން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
މިއާއެކު މަޖިލީސްގެ ދަފްތަރުގައި މެންބަރުން ތިބި ގޮތަށް ބަލާއިރު މަޖިލިސް އެކުލެވިގެންވަނީ އެމްޑީޕީގެ 56 މެންބަރުން، ޑިމޮކްރެޓްސްގެ 13 މެންބަރުން، ޕީޕީއެމްގެ ތިން މެންބަރުން، ޕީއެންސީގެ ތިން މެންބަރުން، އެމްއެންޕީގެ ތިން މެންބަރުން، އެމްޑީއޭގެ ދެ މެންބަރުން، ޖޭޕީ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތިން މެންބަރުންގެ މައްޗަށެވެ.
ނަޝީދު ވިދާޅުވީ މި ބަދަލާއި ގުޅިގެން މަޖިލީސްގައި ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީއަކީ ދަ ޑިމޮކްރެޓްސް ކަމަށެވެ. މިއާއެކު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.