މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި އޭދަފުށިން ޑރ. މުއިއްޒުބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާނެކަމަށް މަޝްހޫރު އޮންލައިން ނޫސް، ”ވަގުތު“ އިން އޭދަފުށީގައި ކުރިއަށް ގެންދިޔަ ސާވޭ އަކުން ދައްކައިފިއެވެ.
މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ މިސާވޭގައި 654 މީހުން ބައިވެރިވިއެވެ. އެއީ ވޯޓްލެވޭ މީހުންގެ %25.9 އެވެ.
އަބަދުވެސް ޕީޕީއެމްއަށް ބޮޑު ތާއީދެއް އޮންނަ އޭދަފުށިން ޚިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން %69.5 މީހުން ނުވަތަ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 455 މީހުން ބުނަނީ އެންމެ ގިނަ ވޯޓް ކާމިޔާބު ކުރާނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް މުއިއްޒު ކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ދޭނެ ކަމަށް ބުނީ %16 މީހުންނެވެ. އެއީ 111 މީހުންނެވެ.
އޭދަފުށިން ތިންވަނަ އަށް އެންމެ ގިނަ ވޯޓް ހޯދާނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކަނީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް އެވެ. އޭނާ އަށް %2.75 ލިބޭނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކައެވެ. ފާރިސް މައުމޫނަށް %1.6 ލިބޭނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކައެވެ. ޑިމޮކްރެޓްސް ޕާޓީގެ އިލްޔާސް ލަބީބް އަށް %1.5 ހޯދާނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކައެވެ.
ރިޔާސީ އިންތިހާބުގައި ވޯޓް ދޭނެ ގޮތެއް އަދި ނުނިންމާ ކަމަށް %1.7 މީހުން ވަނީ ބުނެފައެވެ. ވޯޓް ލާން ނުދާނެ ކަމަށް %0.6 މީހުން ބުނެފައި ވެއެވެ. އުމަރު ނަސީރަށް ވޯޓް ދޭނެ ކަމަށް %0.4 މީހުން ބުނެފައި ވާއިރު ހަސަން ޒަމީލަށް ވޯޓް ދޭނެ ކަމަށް ވެސް %0.1 މީހުން ބުނެފައި ވެއެވެ. ނާޒިމަށް އެރަށުން ވޯޓެއް ލިބިފައެއް ނުވެއެވެ.
”ވަގުތު“ އިން އަންނަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން ފެށިގެން ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގެ ކުރިން ޚިޔާލު ހޯދުމުގެ ވޯޓް ނަގަމުންނެވެ. އޭގެތެރެއިން %90 ޚިޔާލު ހޯދުމުގެ ވޯޓް ވަނީ އިންތިހާބުގެ އަސްލު ނަތީޖާ އާއި ދިމާވެފައެވެ.