ބ.ކަމަދޫ ރައްޔިތުން ދަތުރު ދިޔުމަށްޓަކައި މަދިރިވާދޫ، ޕިކްނިކް އައިލެންޑަކަށް ހަދައިދޭނެކަމަށް ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކެމްޕޭން ދަތުރުފުޅެއްގައި ބ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި މިއަދު ކަމަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މަދިރިވާދޫއަކީ ވަރުވާއަށް ދީފައިވާ ރަށެއް ކަމަށާއި އެރަށް ކަމަދޫ ރައްޔިތުންނަށް ޕިކްނިކް އައިލެންޑަކަށް ހަދައިދޭނެ ކަމަށެވެ.
މިރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް މިތާ ކައިރީ ޕިިކްނިކް އައިލެންޑެއް ހަދައިދިނުން. އިރާދަކުރެއްވިއްޔާ މަދިރިވާދޫ ޕިްކނިކް އައިލެންޑަކަށް ހަދައިދޭނަން. މަދިރިވާދޫއަކީ ވަރުވާއަށް ދީފައިވާ ރަށެއް އެހެންކަމުން ހުންނާނެ ނިންމަންޖެހޭ ކަންތައްތަކެއް. ނިންމަންޖެހޭ ނިންމުންތައް ނިންމައި އެރަށް ޕިކްނިކް އައިލެންޑަކަށް ހަދައިދޭނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހުވަނީ މީގެ އިތުރުންވެސް ކަމަދުއަށްވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެވެ. ކަމަދުއަކީ ތަރައްގީއަށް ބޭނުންވެފައިވާ ރަށެއް ކަމަށާއި އަންނަ ދައުރު އެރަށުގެ ސްކޫލް ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަލްޓީޕާޕަސް ހޯލަކާއި އެރަށުގައި ބޮޑު މިސްކިތެއް އަޅައިދީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭން އެމަނިކުފާނު ވަނީ ވައުދުވެވަޑައި ގެންފައެވެ.
މީގެ އިތުރުން އެރަށުގެ ގިިރާ ސަރަހައްދު ހިމާޔަތްކޮށް މޫދަށް އެރޭނެ ސަރަހައްދެއް ގާއިމުކޮށްދިނުމާއި އެރަށުގައި އޭޓީއެމް ގެ ޚިދުމަތް ގާއިމުކޮށް ރަށުގެ ހެލްތު ސެންޓަރުގެ ފެންވަރު ރަނގަޅުކޮށް 24 ގަޑިއިރުގެ ޚިދުމަތް ލިބޭގޮތަށް ހަދައިދޭން ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
ބ އަތޮޅަކީ ޓޫރިޒަމްގެ ދާއިރާގައި ކުރިއަރަމުން އަންނަ ސަރަހައްދަކަށް ވެފައި ކަމަދުއަށްވެސް ފަތުރުވެރިން އަންނަކަން ފާހަގަކުރައްވައި ވިދާޅުވީ އެރަށުގައި މިހާރު ދިމާވެފައިވާ ކަރަންޓުގެ ޚިދުމަތް ރަނަގަޅުކޮށް އިންޖީނުގެ އަޕްގްރޭޑްކުރުމާއެކު ކަރަންޓުގެ ވަސީލަތްތައް ފޯރުކޮށްދޭނެކަމަށެވެ.