”ލޯބީގެ ސްކޭމް“ތަކަށް ސަމާލުވާން އެދިއްޖެ

hjk-2.jpg

ސޯޝަލް މީޑިއާގައި ހިންގަމުންދާ ލޯބީގެ ގުޅުންތައް އިތުރުވަމުންދާ ކަމަށާއި އެފަދަ ގުޅުންތަކުން ދިމާވާ ތަފާތު މައްސަލަތައް ރިޕޯޓް ކުރަމުންދާތީ އެކަހަލަ ގުޅުންތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި މިހާރު ލޯބީގެ ސްކޭމްތައް ހިމެނޭ ކަމަށެވެ.

އެފަދަ ސްކޭމްތައް އާންމުގޮތެއްގައި ފެށެނީ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް މެދުވެރިކޮށް ކަމަށާއި އޭގެ ތެރޭގައި ޑޭޓިން ޕްލެޓްފޯމްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތަކަކީ ހުށަހެޅުމުންދާ ސްކޭމް މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތެއް ކަމަށެވެ. އެފަދަ ސްކޭމްތަކަކީ މީހުންގެ އިހުސާސްތަކާއި ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަކަރާއި ހީލަތުން ކަންކަން އޮޅުވާލައިގެން މާލީ މަންފާއެއް ހޯދުމަށްޓަކައި ހިންގާ ކުށުގެ ބާވަތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

“ދުރު ގައުމުތަކުން ގިނަފަހަރަށް ހަރަކާތްތެރިވާ މި ކުށްކުރާ މީހުން ފޭކް ޕްރޮފައިލުތައް ހަދައި، ދޮގު އައިޑެންޓިޓީތަކެއް އުފައްދައި އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އެއީ ހަގީގީ އަދި ހިތްގައިމު ބައެއްގެ ގޮތުގައި ދައްކައި އެބައި މީހުން ގަބޫލުކުރާ ހިސާބަށް ގެންދެއެވެ.” ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ އެފަދަ ސްކޭމްތައް ކުރިއަށް ގެންދަނީ ވަގަށް ނަގާފައިވާ ފޮޓޯތަކާއި، ސައްހަ ނޫން ނަންތަކާއި މައުލޫމާތު ބޭނުންކޮށްގެން ޕްރޮފައިލްތައް ހަދައިގެން ކަމަށެވެ. އަދި މީހަކާ ވާހަކަ ދައްކަން ފެށުމަށް ފަހު، އެކަމަށް ގިނަ ވަގުތު ހޭދަކޮށް، އެ މީހެއްގެ އިތުބާރާއި އޯގާތެރިކަން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެ މީހަކާ ޖަޒުބާތީ ގޮތުން ކުޅެ، އޮޅުވާލުމަށް ލޯބީގެ ބަސްތައް ބޭނުންކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ސްކޭމް ކުރާ މީހުންނަކީ އެމީހުންގެ ޝިކާރައަކަށްވާ މީހުންގެ ނަފުސާނީ ނާޒުކުކަން ދެނެގަނެ، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ބައެއް ކަމަށް ފުލުހުން ބުންޏެވެ.

“މިސާލަކަށް، ލޯބިވާ މީހަކު ދާދި ފަހުން ގެއްލިފައިވާ ނުވަތަ އެކަނިވެރިވެ، އެކުވެރިކަން ހޯދަންއުޅޭ މީހުންނަށް އަމާޒުކޮށް މިފަދަކަންކަން ކުރަމުން ގެންދެއެވެ.” ފުލުހުންގެ ބަޔާނުގައިވެއެވެ.

އެއަށްފަހު، ގުޅުން ވަރުގަދަ ވުމުން އެމީހަކު އާއިލާއާއި ރައްޓެހިންނާ އެކަހެރި ކުރަން މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ސަބަބުން އަނިޔާ ލިބޭ މީހާއަށް، ގާތް މީހުންނާ މުއާމަލާތްކޮށް ލަފައާއި އެހީތެރިކަން ހޯދަން ދަތިވާކަން ފުލުހުން ފާހަގަކުރިއެވެ.

އެފަދަ މީހުން ތަފާތު ގޮތްގޮތަށް ފައިސާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި، ‘ފޭކް އެމަޖެންސީ’ތައް ހިމެނޭނެ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ސިއްހީ ކަމެއް ނުވަތަ މާލީ ކަމެއް ނުވަތަ ގާނޫނީ މައްސަލައެއް ޖެހިފައިވާ ކަމަށް ބުނެ ފައިސާ ހޯދަން އުޅެފާނެއެވެ.

“އިތުބާރު ގާއިމުވުމުން، ޚިޔާނާތްތެރިވާ ފަރާތްތައް މާލީ އެހީތެރިކަމަށް އެދެނީ އެމީހުންގެ ފޭކް އިމަޖެންސީތައް ހައްލުކުރުމުގެ ނަމުގައި ނުވަތަ ވިކްޓިމްއާ އަމިއްލައަށް ބައްދަލުކުރަން ރޭވުމުގެ ނަމުގައެވެ. އަދި ދަތުރުފަތުރުގެ ޚަރަދާއި ހީވެސްނުކުރާ ފަދަ މެޑިކަލް ބިލުތަކަށް ފައިސާ ބޭނުންވާކަމަށް ބުނެފާނެއެވެ.” ފުލުހުން ބުންޏެވެ.

މީގެ އިތުރުން ބައެއް ހާލަތްތަކުގައި ލޯބީގެ ސްކޭމްތަކުގައި ޖެހޭ މީހުން ލައްވާ މަނީ ލޯންޑާ ކުރާ ހާލަތްތައް އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން ސްކޭމް ކުރާ މީހާގެ ފަރާތުން ފައިސާ ޓްރާންސްފާ ކުރުމަށް ފަހު، ސްކޭމްގެ ޝިކާރައަކަށްވާ މީހާ ލައްވައި އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުވާ ކަމަށާއި އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއަށް ވެދާނެ ކަމަށް ފުލުހުން ބުންޏެވެ.

އެފަދަ ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަހު ‘ލޯބިވެރިޔާ’ ވަކި ހިސާބަކުން ވާހަކަ ދެއްކުން ހުއްޓާލައި، އެކައުންޓު ވެސް ގެއްލެއެވެ.

ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވެދާނެ ލޯބި ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވެ، ސަމާލުވެތިބުން އެއީ ފަރުދީ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top