ރ. އަތޮޅު ދެކުނު ބިތުގައި ސަރުކާރުން ތަރައްގީކުރަން ނިންމި އެއާޕޯޓް އެއަތޮޅު ބެރިޔަންފަރުގައި އެޅުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ ވައިގެ މަގުން މުޅި ރާއްޖެ ގުޅައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ރ އަތޮޅު ދެކުނުގައި އަޅަން ނިންމި އެއާޕޯޓު ބެރިޔަންފަރުގައި އަޅަން ނިންމާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯދޭނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން މުޅި ރާއްޖެ ގުޅާލެވިގެން ކަމަށެވެ.
ރ. އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ވަނީ އިއުލާންކޮށްފައިވާއިރު އެއާޕޯޓް އަޅަން ނިންމި ވަކި ރަށެއް އިއުލާނަކު ނެތެވެ. އެ މަޝްރޫއަށް ކަނޑައަޅާފައިވާ 23.6 މިލިއަން ޑޮލަރެވެ.
ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމުގެ ވައުދު ސަރުކާރުން ވީ އެ އަތޮޅުގެ އިފުރު އެއާޕޯޓުގެ ފަސޭހަކަމެއް ގިނަ ރަށްތަކަށް ނުލިބޭ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށެވެ. ކުރީ ސަރުކާރުގައި ވެސް ވަނީ އެ އަތޮޅު ދެކުނުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމައިފައެވެ.
މި އެއާޕޯޓް ތަރައްގީކުރަނީ ކްރޮސް ސަބްސިޑީ އުސޫލުންނެވެ.