އަލީ އަރުޝަމް – މަތިހާ އުދަރެހުން ވިދާލި އެންމެ ޒުވާންތަރި

އޭލެވެލް އިމްތިހާނުގައި މުޅިރާއްޖެއިން އެއްވަނަ ހޯދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އަރުޝަމްއށް ރައިސް އެވޯޑް ހަވާލުކުރައްވަނީ

އޭލެވެލް އިމްތިހާނުގައި މުޅިރާއްޖެއިން އެއްވަނަ ހޯދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އަރުޝަމްއށް ރައިސް އެވޯޑް ހަވާލުކުރައްވަނީ

“މަތިހާ” އަކީ ތައުލީމީ ދަރިން އުފައްދާ ކާރުޚާނާއެކެވެ.” ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ހެޑް މާސްޓަރކަން ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ. އެއީ ތެދެއް ހެއްޔެވެ؟ އެކަމަކު ދަންނަވަންތޯއެވެ.؟ އެ ޢާއިލާ އަކީ އޭދަފުށީގެ ތައުލީމުގެ ނާރެސް ކަމުގައި ބަލަން ނުޖެހޭ ސަބަބެއް ނެތެވެ. އަގުހުރި ދަރިންތަކެއް އުފެދިފައިވާ ،އެދަރިންގެ ފަރާތުން ރަށުގެ ތައުލީމަށް ގިނަ ޚިދުމަތެއް ކޮށްދެމުން ގެންދާ ބައެކެވެ. މީގެ ވަރަށް އަލިގަދަ ހެއްކަކީ ޚާއްޞަ ކޮށް އޭދަފުށީގައި ޢާއްމު ކޮށް ބ.އަތޮޅުގައި އުފެދިފައި ތިބި ތައުލީމީ މީހުންގެ ތެރެއިން 90އިން ސައްތަ މީހުންނަކީ މި އާއިލާގެ މީހުން ގެ ގާތުން ދަރިވަރު ވެފައިވާ ބައެއް ކަމެވެ. މިއީ ވަކި ބަޔަކަށް ރައްދު ކުރެވޭ ކުޑައިމިސް ބަހެއް ކަމުގައި ނުބެއްލެވުން އެދެމެވެ.
ދާދި ފަހުން މި ޢާއިލާއާއި މުޅި އޭދަފުށި ހިނިތުން ކުރުވި އުފާވެރި ޚަބަރަކީ މި ދިޔަ އަހަރު އޮތް އެޑެކްސެލް އޭ ލެވެލްއިމްތިޙާނުގައި މުޅި ރާއްޖެއިން އެއްވަނަ އަށް ހޮވުނު 11ދަރިވަރުންގެ ތެރޭގައި ބ.އަތޮޅު ތައުލީމިމަރުކަޒުން ތައުލީމު ޙާޞިލް ކުރި މި ޢާއިލާ އަށް ނިސްބަތްވާ އޭދަފުށީ އާސަމް ޢަލީ އަރުޝަމް ހިމެނުނު ވާހަކައެވެ. އަރުޝަމް ގެ މި އާދަޔާ ޚިލާފު ކާމިޔާބުގެ އިތުރުން އޭ ލެވެލް އިމްތިޙާނުގައި ފިޒިކްސް އިން ރާއްޖެ އިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުގެ ގޮތުގައި ވެސް އަރުޝަމް ވަނީ ހިމެނިފައެވެ. އެގިވަޑައިގަންނަވަތޯއެވެ. އަރުޝަމް މި ކާމިޔާބާ ހަމައަށް ދަތުރު ކޮށްފައި ވަނީ އުމުރުން އެންމެ 19 އަހަރުގައެވެ. މީގެ އިތުރުން އަރުޝަމްގެ ހައިރާން ވާން ޖެހޭ އަނެއް ކަމަކީ ޖީ.ސި.އީ އޯ ލެވެލް އިމްތިހާނުގައި އަރުސަމް ގްރޭޑް 9 ގައި އުޅެމުން ބައިވެރިވެ އިގިރޭސިން އޭ ސްޓާރ ހޯދިކަމެވެ. އެއާ ހަމަ ޖެހިގެން އައި އަހަރު އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވެ 8 އޭ ހޯދިއެވެ. މީގެ ތެރެއިން ހަތަރު މާއްދާއިން އޭ ޕްލަސް އެވެ. މިއީ އާދައިގެ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަކަށްވުރެ ބޮޑަށް ގައުމީ ފެންވަރުގައިވެސް ފާހަގަ ކުރެވެންވާނެ އުފަލެއް ކަމުގައި ދަންނަވާހިތް ވެއެވެ. މި މުނާސަބަތުގައި އަރުޝަމް އަށާއި އޭނާގެ ލޮބުވެތި މަންމަ އާއި ބައްޕަ އަށާއި ޢާއިލާ އަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަހުނިޔާ ރައްދު ކުރަމެވެ. އަރުޝަމް ގެ މި ކާމިޔާބުގެ ފަހަތުގައި ތިއްބެވީ ތިޔަ ލޮބުވެތި ބޭފުޅުންކަމަށް ވާތީއެވެ.
އޭދަފުށީ ވޮއިސް ގެ ފަރާތުން އަރުޝަމްގެ މި ކާމިޔާބުގެ އިސް ފަހާއި ކުރިމަގު ގެ އަމާޒާއި ބެހޭ ގޮތުން ވާހަކަ ދައްކާލުމަށް ޓަކައިބައްދަލު ކޮށްލީމެވެ.
އަރުޝަމަށް ލިބިފައިވާ ތޫނުފިލިކަމަކީ ޢާއިލާ ގެ ފަރާތުން ލިބިފައިވާ ކަމެއްތޯ؟ ނުވަތަ އަމިއްލަ އަށް ހޯދި ކަމެއްތޯ؟
ބުނެވޭނީ އެއީ އަޅުގަނޑު ދުނިޔެއަށް އައި އިރުވެސް ލިބިފައިވާ ސިފައެކޭ. އޭގެ މާނަ އަކީ އާއިލީ ވާރުތަވުމެއް ކަމުގައިވެސް ބެލެވިދާނެއޭ.

މިފަދަ ކާމިޔާބެއް ލިބުމުން އެންމެ ފުރަތަމަ ހިތަށް އެރީ؟
ބުނަންތަ.! ހިތަށް އެރީ މިޚަބަރު ލިބިއްޖެނަމަ މަންމަ ހާދަހާ އުފަލެއް ވާނެއޭ. އަޅުގަނޑުގެ އަމިއްލަ ނަފްސާ މެދު ވިސްނާލެވުނީ އިރުކޮޅެއްގެ ފަހުން.

ކިހިނެއްތޯ ކުރިމަގާމެދު ވިސްނުން ހުރީ؟
އަޅުގަނޑުވަރަށް ބޮޑަށް އެއަރކްރާފްޓް އިންޖިނިއަރ އަކަށް ވާހިތްވޭ. އެފަދަ ފުރުސަތަކަށް މި އިންތިޒާރު ކުރަނީ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މިކަން ކުރާނަން.

ތައުލީމީ ގޮތުން މިފަދަ ބޮޑު ކާމިޔާބަކާ ހަމައަށް އައުމަށް އުންމީދު ކުރިންތޯ؟ މި ކަމަށް އެންމެ ހިތްވަރު ދިނި ކާކު؟
ވަރަށްބޮޑަށްވެސް އުންމީދު ކުރިން. މި އުންމީދުގެ ސަބަބުން ކަމަށް އަޅުގަނޑު ދެކެނީ ކާމިޔާބާ ހަމައަށް ދެވުނީ. އެކަމަކު އަޅުގަނޑަށް މިކަމުގައި މަންމައާއި ބައްޕަ އަދި ތިއްތަ(އަމީލިއްޔާ) އާއި ދޮންތަ (ނޫރާ) އަދިވެސް އާއިލާގެ ހަމަ ހުރިހާ އެންމެންގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނުކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަން.

މިފަދަ މަގާމެއް ލިބުމުން ކުރެވުނު އިހްސާސް ތަކަކީ؟
އަޅުގަނޑުގެ މައިން ބަފައިންނަށްޓަކާ އެބައިމީހުންއެދޭ ފަދަ ކާމިޔާބި އެއް ހޯދައިދެވިއްޖެ ކަމުގެ އިހްސާސް. އެއީ ހަމަ އެންމެ އުފާވާކަމަކީ. އަދި އަޅުގަނޑުގެ ދެ ފަރާތުގެ އާއިލާ އަކީވެސް ޢިލްމީ ގޮތުން ވަރަށް ބޮޑެތި ކާމިޔާބު ތަކެއް ހޯދާފައިވާ ބަޔަކަށް ވާތީ އަޅުގަނޑުގެ މި ކާމިޔާބުވެސް ޢާއިލާ ފަޚުރު ވެރިކަމާއެކު ބަލައިގަންނާނެ ކަމުގެ އިޙްސާސް.

އަލީ އަރުޝަމް (ފަހަތުސަފުން ކޮޅަށް ކަނާތުން 6 ވަނަ) . މަތިހާ އާއިލާގެ މެމްބަރުންތަކަކާއެކު. ފޮޓޯ: ފޭސްބުކް

އަލީ އަރުޝަމް (ފަހަތުސަފުން ކޮޅަށް ކަނާތުން 6 ވަނަ) . މަތިހާ އާއިލާގެ މެމްބަރުންތަކަކާއެކު. ފޮޓޯ: ފޭސްބުކް

ޝުކުރު އަދާކުރަން ބޭނުންވާ ފަރާތްތަކަކީ؟
އަނެއްކާވެސް ދެންނެވޭނީ އެންމެ ފުރަތަމަވެސް މަންމަ އާއި ބައްޕަ ކަމުގަ. މަންމަ ފަދަ ޞާލިޙް،ޚުލްޤު ހުރި ރަނގަޅު އަދި އެފަދަ އަޅުގަނޑު ދެކެ ލޯބިވާ މައެއްގެ އުނގަށް އުފަންކުރެއްވި ކަމަށް ޓަކައި ކީރިތި ﷲ ގެ ކިބަފުޅަށް ހާސް ފަށުން ޝުކުރު އަދާ ކުރަން. މި ފަދަ ކާމިޔާބެއް ލިބޭނީ އެފަދަ މައެއްގެ އުނގުން ލިބޭ ތައުލީމާވެސް އެކުގައި ކަމަށް ގަބޫލު ކުރެވެނީ. ޚާއްޞަކޮށް އަޅުގަނޑުގެ އެ މުދައްރިސާ އަކީ ދުވަހަކުވެސް އަޅުގަނޑަށް ކިޔަވައިދެއްވާ ނުނިމޭނެ މުދައްރިސާ ކަމުން އެ ޝުކުރު ވާނީ ނިމުމެއް ނެތް ޝުކުރަކަށް. ހަމަ އެއާއެކު އަޅުގަނޑަށް އޯލެވެލް ގައާއި އޭ ލެވެލް ގައި ކިޔަވައިދެއްވި ހުރިހާ ޓީޗަރުން ނަށާއި ޢާއިލާގެ އެންމެންނަށް.

ކޮންކަމަކާ އެންމެ ފަޚްރުވެރި ވެވެނީ؟
އެންމެ ފަޚްރުވެރި ވެވެނީވެސް މައިން ބަފައިންނަށް ޓަކާ.ދެން ފަޚޮރު ވެރި ވެވެނީ މިފަދަ ޢާއިލާ އަކަށް އުފަންވީތީ. ދެފަރާތުގައިވެސް ތިބީ ވަރަށް ޢިލްމީ ބައެއް. ޚާއްޞަކޮށް އަޅުގަނޑަށް ފެނުމުގެ ނަސީބު ލިބިފައި ނުވާ މާފަ(މަންމަގެ ބައްޕަ) އަކީ މި އޭދަފުށި ރައްޔިތުންނާއި ބ.އަތޮޅު އެ ބޭފުޅަކަށް ޓަކާ ފަޚްރު ވެރިވާނެ އިއްޔެގެއެންމެންގެލޮބުވެތި މުދައްރިސް ކުޑަރިކިލު ތުއްތު މަނިކު. ހީވަނީ މި ހުރިހާ ކަމަކީވެސް ،މިދެންނެވީ ރަނގަޅު ތައުލީމީ ޢާއިލާ އެއް މިއަދާ ހަމައަށް ވެސް”މަތިހާ” އިން އުފެދެމުން މިދަނީ މާފަގެ ހެޔޮ ދުޢާގެ ސަބަބުން ހެން.

އާދެ.އަރުޝަމް ގެ ކުރިމަގު ގުޅިފައި އޮތީ އެއަރ ކްރާފްޓް އިންޖިނިއަރ އާއި ހަމައިގައެވެ. ހީވާގޮތުން މިއީވެސް އާއިލީ ވާރުތަ ވުމެއް ކަމަށް ވެދާނެއެވެ. އެހެނީ މިމަގުގެ މެދުގައި އޭނާއަށް ހަނާ އަޅައަޅާ އޭނާ ދެކެ ލޯބިވާ ނަސްރު ބޭބެ އެބަހުއްޓެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު