އެމެރިކާއިން 2.4 މިލިއަން ރުފިޔާގެ އެހީ. ޚަރަދުކުރާނީ ގޮއިފުޅަފެހެންދޫގެ ތިމާވެއްޓަށް

306517587-521436723128236-391883317611509115-n.jpg

އެމެރިކާ ސަރުކާރުން ރާއްޖެއަށް ދޭ 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމުގެ ގޮތުން ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން އެންވަޔަރަންމެންޓް މިނިސްޓްރީއާއެކު 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީން ބުނީ މި އެހީގެ ދަށުން ބ. ގޮއިދޫގެ ކުޅިއާއި ޗަސްބިމާއި، ގޮއިދޫ، ފުޅަދޫ ފެހެންދޫ ހިމެނޭގޮތަށް ގޮއިދު އަތޮޅުގެ ފަރުތައް ރައްކާތެރިކޮށް، ބެލެހެއްޓުމަށް އެކި ދާއިރާތަކުން، ގުޅިގެން މަސައްކަތްކުރުމަށް އެހީވެދޭނެ ކަމަށެވެ.

ޔޫ.އެސް އެއިޑް އާއި އެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އިޖުތިމާއި އަދި އިގުތިސާދީ ގިނަގުނަ ފައިދާ މުޖުތަމައުއަށް ފޯރުކޮށްދޭނެ އިކޯ-ޓުއަރިޒަމްގެ މޮޑެލެއް ގާއިމުކޮށް، ޕަބްލިކް-ޕްރައިވެޓް ޕާރޓްނަރޝިޕް ކުރިއަރުވައި، ބ.ގޮއިދޫ ކުޅިއާއި ޗަސްބިމާއި، ގޮއިދު އަތޮޅުގެ ފަރުގެ ނިޒާމު މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މޮޑެލްއެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ، މިއަދަކީ ބ. އަތޮޅު ބަޔޮސްފިއަ ރިޒާވަށާއި ގޮއިދު އަތޮޅަށް ވަރަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށާއި ޔޫ.އެސް.އޭ.އައި.ޑީއާއިއެކު އިތުރު ޕްރޮޖެކްޓެއްގައި މަސައްކަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ދެފަރާތުގެ އެއްބާރުލުމާއި ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރަމަކީ އެބޭފުޅުންނަށް ލިބޭ ފަހުރަކަށް ވާނޭ ކަމަށެވެ.

ޝައުނާ ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ވަނީ މުރަކަ ފަރުތަކާ ގުޅިލާމެހިފައިކަމުން، އެބޭފުޅުން ދަނީ މިފަދަ މުހިއްމު ގުދުރަތީ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރި ކުރަމުން ކަމަށާއި އަދި ރީތި ކުޅިފަލާ، ޗަސްބިމާ، މޫދު ވިނައިގެ ބަގީޗާތަކުގައި ގުދުރަތީ ވެއްޓާގުޅޭ މުނިފޫހިފިލުވުމުގެ އިންތިޒާމްތައް ގާއިމުކުރެވޭނޭ ގޮތްތައް ބަލަމުން ކަމަށެވެ.

ކުޅިފަލާ ޗަސްބިމުގެ ރީތިކަމަކީ އެކަމުގެ ސަބަބުން ދިވެހި އަދި ބޭރުގެ ފަތުރުވެރިން އެސަރަހައްދުތަކަށް ޝައުގުވެރިކުރުވާކަމެއް ކަމަށާއި މިފަދަ ފަތުރުވެރިކަމުން ވިޔަފާރީގެ ފުރުސަތުތައް ހުޅުވިގެން ދާނޭ ކަމެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

އެއްބަސްވުމާއި ގުޅޭ ގޮތުން ޔޫ.އެސް އެއިޑް ގެ ފަރާތުން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ މިޝަން ޑައިރެކްޓަރ ގެބްރިއެލް ގްރައު ވިދާޅުވީ، ހިލޭއެހީގެ މި އެއްބަސްވުމަކީ ޔޫ.އެސް.އެއިޑް އިން ދިވެހިރާއްޖެއާއި ދިވެހިންނާއެކު ސާބިތުވެތިބޭކަމުގެ ރަމްޒެއް ކަމަށާއި އެބޭފުޅުންގެ އަމާޒަކީ، މިހިލޭއެހީގެ ދަށުން، އެންވަޔަރަމެންޓް މިނިސްޓްރީއާއި އެކީ މަސައްކަތްކޮށް ގުދުރަތީވެށި ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ.

“މުޖުތަމައު ބާރުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ޝޮކްތަކާ އަސަރުތަކަށް އެފަރާތްތަކުގެ ވިލުންވެރިކަން އިތުރުކުމަށް ޔޫ.އެސް.އެއިޑް ގެ ފަރާތުން މަސައްކަތް ކުރާނެ. އަދި މި ކަމުގައި އެންމެންގެ ބައިވެރިވުން އިތުރުކޮށް، އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިވުމަށް މަސައްކަތް ކުރާނެ” ގެބްރިއެލް ވިދާޅުވިއެވެ.

މި ހިލޭ އެހީއަކީ ޔޫއެސްއެއިޑްގެ ކްލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން މިއަހަރު ހަވާލުކޮށްފައިވާ ހަތަރުވަނަ ހިލޭއެހީއެވެ. މިއީ ފަސް އަހަރުގެ މުއްދަތަށް ހިންގާ، 10.5 މިލިއަން ޑޮލަރުގެ އެކްޓިވިޓީއެކެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top