ރާއްޖޭގެ ހަ ރަށެއްގައި ސަރުކާރުން ޑޮމެސްޓިކް އެއާޕޯޓު އަޅަން ނިންމާފައިވިޔަސް އެކަމަށް ފައިސާ ހަމަނުޖެހޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ އެއާޕޯޓް އަޅަން ފައިސާ ހަމަނުޖެހޭ ކަމަށާ ނަމަވެސް ލާރި ހުރިކަމަށް ބައެއް ފަރާތް ތަކުން ބުނެފައިވާ ކަމަށެވެ.
“ލާރި ދޭން- ލާރި ހުރިކަމަށް ޕްރޫފާ ފައިނޭންސް ހުރިތޯ ބަލައި ޗެކްކޮށްފައި ހުރި ޕާޓީސްތަކެއް އެބަހުރި. އެގޮތަށް ޗެކްކޮށްފައި ހުރި އަދަދު އެބަހުރި 30 މިލިއަން ޑޮލަރުން މަތީގަ. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ގެންދަނީ އެ ފަރާތްތަކާއެކީގައި މެމޮރަންޑަމް އޮފް އަންޑަސްޓޭޑިންއަކަށް ދިއުމަށް،” އަސްލަމް ވިދާޅުވި އެވެ.
“ސާޅީސް ފަސް ދުވަހުގެ ތެރޭގައި ބުނާ އަދަދަށް ފައިސާ ދޭން އެއްބަސްވާ އެއްބަސްވުމަކަށް. އެކަން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ގާނޫނީ ކަންކަންކަމެއް ހުރޭ އެކަން ކުރަމުން މި ގެންދަނީ.”
ސަރުކާރުން މީގެކުރިން ވަނީ “ކްރޮސް ސަބްސިޑީ އުސޫލުން” އެއާޕޯޓްތަކެއް ތަރައްގީކޮށްދޭ ގޮތަށް ރިސޯޓް ހަދަން ރަށްތަކެއް ދޭން ނިންމާފަ އެވެ. އަދި ފަހުން ވަނީ އެއާޕޯޓް ތަރައްގީ ކުރަން އިއުލާނު ކުރި އަގުތައް ދަށްކޮށްފަ އެވެ.
ތުޅާދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓާއެކު ބިލެތް ފައްސާއި ހދ. މަކުނުދޫއާއި ތ. ވިލުފުއްޓާއި، ފ. މަގޫދޫ އަދި ރ. އަތޮޅު ދެކުނު ބިތުގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ޑިސެމްބަރު އިއުލާން ކުރި އެވެ.
އެއާޕޯޓު އަޅަން އިއުލާނު ކޮށްފައިވާ ރަށްރަށަކީ ބ.ތުޅާދޫއާއި ށ. ބިލެތް ފައްސާއި ހދ. މަކުނުދޫއާއި ތ. ވިލުފުއްޓާއި، ފ. މަގޫދޫ އަދި ރ. އަލިފުށީގައެވެ.