ފެތުރެމުން މިދަނީ ޑެންގީގެ ނުރައްކާ ވައްތަރެއް: ޑރ.ފައިސަލް

b_ix5TE2x8sYm0LgEXpadcT4BUn.jpg

ޑރ. އަހްމަދު ފައިސަލް --- ފޮޓޯ: އެޗްޕީއޭ

މިދުވަސްވަރު ރާއްޖޭގައި ފެތުރެމުން މިދަނީ ޑެންގީ ހުމުގެ ނުރައްކާތެރި ވައްތަރެއް ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑެންގީ ހުން އިތުރުވުމާ ގުޅޭގޮތުން ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގުރާމުގައި މިއަދު ވާހަކަ ދައްކަަވަމުން ޑރ. ފައިސަލް ވިދާޅުވީ މިދުވަސްކޮޅު ރާއްޖޭގައި ފެތުރެމުންދަނީ ޑެންގީ ހުމުގެ ނުރައްކާތެރި ވައްތަރެއް ކަމަށެވެ. އަދި ފާއިތުވި ތިން މަސް ދުވަހު އެ ބަލީގައި ކުޑަ ކުއްޖަކު މަރުވެ، މާބަނޑު މީހެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލަން ޖެހުނު ކަމަށް ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއިން ޑެންގީގެ 311 ކޭސް ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން އަތޮޅު ތެރެއިން އެބަލި ޖެހުނު މީހުންގެ ނިސްބަތަކީ 20 ޕަސެންޓް ކަމަށެވެ. އަދި 80 ޕަސެންޓު މީހުންނަކީ މާލެ ސަރަހައްދުން ޑެންގީ ހުން ޖެހުނު މީހުން ކަމަށް ވިދާޅުވިއެވެ.

“ޑެންގީގެ ކްރިޓިކަލް ވައްތަރު މި ދުވަސްކޮޅު ގިނަ. ބަލިޖެހޭ ވަރަށް ގިނަ ކުދިންގެ ގަޔަށް ލޭ އަޅަންޖެހޭ ލޭ މަދުވުމުގެ ސަބަބުން. ދެން ޝޮކަށްދާ ކުދިންވެސް ފުދޭ ވަރަކަށް ގިނަ. ބޮޑެތި މީހުންނާއި ކުޑަ ކުދިން މީގެ ތެރޭގައި ހިމެނޭ. ފާއިތުވި ތިން މަސް ދުވަސްތެރޭގައި އެއް ކުއްޖަކު މި ބަލީގައި މަރުވެފައިވާއިރު މާބަނޑު މީހެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާލި،” އޭނާ ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ މި ހުމުގައި ބޮޑުވަރު ވަނީ އެއް އަހަރުން ދަށުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކަމަށެވެ. އަދި ތެލެސީމިއާ މީހުންޏަށް މި ހުމުން ބޮޑުވަރުވާ ކަމަށާއި އެހެންކަމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރެއްވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެޕްރީލް މަހު ޑެންގީ ހުމުގެ 95 ކޭހެއް ވަނީ ރިޕޯޓްކޮށްފައެެވެ. ހުސްވި މެއި މަހު އެކަނިވެސް 185 ކޭސް ރިޕޯޓުކޮށްފައިވާއިރު ފާއިތުވެ ދިޔަ ތިން މަހުވެސް އެއަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޑެންގީ ހުމަކީ މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބައްޔެކެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top