ރައްޓެހިންގެ ނަމުގައި ގުޅައިގެން މަކަރާ ހީލަތުން ފައިސާ ހޯދުން އާއްމު ވެއްޖެ ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބީއެމްއެލްއިން ބުނީ ރާއްޖޭގައި އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމެއް ކަމަށެވެ.
މިގޮތުން ފޭކް ކޯލަރުން ރައްޓެހިންގެ ނަމުގައި ގުޅައި ހަގީގަތެއް ނެތް ވާހަކައެއް ކިޔާދޭ ކަމަށާއި އޮންލައިކޮށް ޓްރާންސްފާ ކުރަން އެދެ އެވެ. އަދި ބޭންކަށް ފައިސާ ޓްރާންސްފާ ކުރާ ފަހުން އެއީ ނުވެސް ދަންނަ މީހެއްކަން އެނގިގެން އެމީހާ ގުޅި ނަންބަރަށް ގުޅާއިރު ފޯން އޮންނަނީ އޮފް ކޮށްލައިފަ އެވެ.
ބޭންކަށް ގުޅާއިރު، އެ ފައިސާ ފޮނުވި އެކައުންޓްގައި ފައިސާއެއް ނުހުންނަ ކަމަށާއި އެހެންވެ، އެ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތެއް ވެސް ނޯންނަ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
“ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ފައިސާގެ މުއާމަލާތްތައް ނުކުރުމަށް ދަންނަވަން. އަދި މިފަދަ މައްސަލަތަކަށް ހުރިހާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން. އެންމެހާ ފަރާތްތަކުން ވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް އިލްތިމާސްކުރަން. ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް މި ފުރުސަތުގައި ދަންނަވާލަން.” ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.