ރާއްޖޭގައި އިތުރު ސަބްމެރިން ކޭބަލެއް އެޅުމަށް އިންޑިއާގެ މުއާސަލާތީ ކުންފުނި ރިލަޔަންސް ޖިއޯ ލިމިޓެޑާއި އޯޝަން ކަނެކްޓް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިންޑިއާގެ މަލްޓި ބިލިޔަނަރު މުކޭޝް އަންބާނީގެ ޖިއޯ ކުންފުންޏަކީ، މޯބައިލް ފޯނުގެ ހިދުމަތް ދިނުމުގައި އިންޑިޔާގެ އެއްވަނަ އަދި ދުނިޔޭގެ ތިން ވަނަ ކުންފުންޏެވެ. އޯޝަން ކަނެކްޓް މޯލްޑިވްސްއަކީ ސަރުކާރުގެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ރާއްޖޭގައި 5-ޖީގެ ހިދުމަތް ދިނުމަށް އިތުރަށް މަގުފަހިކުރުމަށްޓަކައި އަޅާ ސަބްމެރިން ކޭބަލް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ކްރޮސް ރޯޑްސްގަ އެވެ.
ދެހާސް ވިހި ވަނަ އަހަރު އިިއުލާނުކުރި މި ކޭބަލް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރެވެ. މި ކޭބަލްގައި ސިކުންތަކު 100ގިގަބިޓުގެ ދުވެލީގައި ޑޭޓާ ދަތުރުކުރާނެ ކަމަށް އޭރު ބައިނަލްއަގުވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖެއާ ގުޅާލުމަށް ހަމަޖެހިފައި ވަނީ ރިލަޔަންސް ކުންފުނިން އަޅާ އިންޑިއާ-އޭޝިއާ އެކްސްޕްރެސް (އައިއޭއެކްސް) ކޭބަލެވެ. މިއީ އިންޑިއާގެ މުމްބާއީ އިން ފެށިގެން ސިންގަޕޫރާ ހަމައަށް އަޅާ ކޭބަލެކެވެ.
ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދެމުން ގެންދާ ދިރާގާއި އުރީދޫން ވެސް ވަނީ ސަބްމެރީން ކޭބަލް ގާއިމުކޮށްފަ އެވެ.