ބޮޑެތި ވިޔަފާރިތަކުގެ މިނިމަމް ވޭޖްގެ ގޮތުގައި މަހަކަށް 8،000ރ. ހަމަޖެއްސުމާ އެކު، ސާވިސް ޗާޖާ އެކު ރިސޯޓް މުވައްޒަފުންނަށް މަހަކު މަދުވެގެން 12،000ރ. ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
ތަފާސްހިސާބުތަކާ ހަވާލާދެއްވައި އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ ރިސޯޓެއްގެ ސާވިސް ޗާޖްގެ ގޮތުގައި 10 ޕަސެންޓް މުވައްޒަފުންގެ މެދުގައި ބަހާލާއިރު، ކޮންމެ މުވައްޒަފަކަށް މަހަކު 5000-10،000ރ. ޖެހެ އެވެ. އެހެންވެ، އޭގެ ތެރެއަށް މުސާރަ ހިމަނައިފި ނަމަ، “ރިސޯޓެއްގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް މަހަކު 12،000ރ. ޖެހޭނެ” ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖުގެ ކަނޑައެޅުމުން ފަތުރުވެރިކަމުގެ ދާއިރާގެ 13،000 މުވައްޒަފުން ހިމެނޭނެކަމަށެވެ. ރާއްޖޭގައި މަސައްކަތްކުރާ 50 ޕަސެންޓް މުވައްޒަފުންނަށް ފައިދާ ކުރާނެ ކަމަށެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި މުސާރައިގެ ބޮޑެތި ތަފާތުތައް ހުންނަ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވަޒީފާތައް އަދާކުރާ މުވައްޒަފުންނަށް އެކި ރިސޯޓުތަކުގައި ލިބޭ މުސާރައިގައި ބޮޑު ފަރަގެއް ހުންނަ ކަމަށެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އެވްރެޖު މުސާރައަކީ 4،000 ރުފިޔާ އާއި 5،000 އާއި ދެމެދުގެ އަދަދެއްކަމަށާއި މިނިމަމް ވޭޖް ކަނޑައެޅުމުން ރިސޯޓް މުވައްޒަފަކަށް އެންމެ މަދުން 12،000 ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“އެކި ހިސާބުގައި، އެކި ރިސޯޓްތަކުގައި، ރިސޯޓްގެ އެކި ވަޒީފާތަކުގައި ވެސް. އަޅުގަނޑުމެން ބެލިއިރު އެންމެ ބޮޑުކޮށް ލިބޭ ދިވެހި މުވައްޒަފަކަށް އެބަހުރި 200،000ރ. ލިބޭ. އަދި އެންމެ މަދުން ލިބޭ މީހުންނަށް 1000ރ. އަދި 2000 މީހުން ވެސް.”
މިނިމަމް ވޭޖު މިއަދު އިއުލާނު ކޮށްފައިވާއިރު ރިސޯޓުތައް ހިމެނޭ އަމިއްލަ ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކަށް 8000 ރުފިޔާ އެވެ.