ކުރިއަށް އޮތް ތަނުގައި ސިވިލް ސާވަންޓުން މަސައްކަތް ކުރާ ވަގުތު އަށް ގަޑިއިރަށް ބަދަލު ކުރުމަށް ވިސްނައި، މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށް މިއަދު ބޭއްވި ހަފްލާގައި ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖް ބޯޑުގެ ފަރާތުންވެސް ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ކުރާ ގަޑި އިތުރު ކުރުމަށް ލަފާ ދީފައިވާ ކަމަށެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ސިވިލް ސާވިސްގެ މަސައްކަތު ގަޑިއަށް ބަދަލު އަންނަން ޖެހެ އެވެ. ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް މިހާރަށް ވުރެން ރަނގަޅަށް ދިނުމަށް ވޭޖް ބޯޑުން އެގޮތަށް ލަފާ ދެއްވާފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
“ވޭޖް ބޯޑުގެ ރެކަމެންޑޭޝަނެއް އެބައޮތް ޕްރައިވެޓް ސެކްޓާއެކޭ އެއްގޮތަށް އަށް ގަޑިއިރަށް އިތުރުކުރަން. މިއީ އެކަމަށް ކުރިއަށް އޮތް ތަނުގައި ވިސްނައި މަޝްވަރާކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާކުރާނެ ކަމެއް،” ފައްޔާޒް ވިދާޅުވި އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމުގެ ކުރިން ސިވިލް ސާވިސް މުވައްޒަފަކަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ލިބެމުންދަނީ 5،300 ރުފިޔާއެވެ. ނަމަވެސް މިނިމަމް ވޭޖް ކަނޑައެޅުމުން 2،000 ރުފިޔާގެ އިތުރުވުމަކާއެކު އެންމެ ދަށް މުސާރައެއްގެ ގޮތުގައި މުވައްޒަފުންނަށް ލިބޭނީ 7،000 ރުފިޔާއެވެ.
މީގެ އިތުރުން، ޕްރައިވެޓް ސެކްޓާ ކުދި ފަންތީގެ ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގަޑިއިރަކަށް 21 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް ނަމަ ގާތްގަނޑަކަށް 5000 ރުފިޔާއެވެ.
ޕްރައިވެޓް ސެކްޓާގައި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 33.65 ރުފިޔާއެވެ. އެ އަދަދު ކަނޑައަޅައިފައިވަނީ ބޯޑުން ލަފާ ދިން އަދަދުތަކަަށް އެއްވެސް ބަދަލެއް ނުގެނެހެވެ.