މިހިނގާ އޮކްޓޫބަރު މަހުގެ15އިން ފެށިގެން ވިސާއާއި ނުލައި ދިވަހިންނަށް އިންޑިއާ އަށް ދެވޭ ގޮތް ހަމަޖައްސައިފި އެވެ.
އިންޑިއާ ހައިކޮމިޝަނުން ހާމަ ކުރި ގޮތުގައި ދިވެހިންނަށް އެ ފުރުސަތު ދޭން ނިންމީ، މިދިޔަ ތިނެއް ނުވަތަ ހަތަރު މަސް ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް މެޑިކަލް ވިސާއަށް އެދެމުންދާތީއެވެ. އެހެންކަމުން މިމަހުގެ 15 އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ވިސާއާ ނުލައި ބޭސްފަރުވާއަށާއި ފަތުރުވެރިކަމަށް އަދި ވިޔަފާރިއަށް އިންޑިއާއަށް ދަތުރުކުރެވޭނެއެވެ.
މި ނިންމުމާއެކު އަނެއްކާވެސް އިންޑިއާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާ ނުލައި 90 ދުވަހަށް އިންޑިއާގައި ހުރެވޭނެއެވެ.
ކޮވިޑް-19އާ ހެދި އިންޑިއާގެ ބޯޑަރުތައް ބަންދުކުރަން ޖެހުމުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ހުރިހާ ކެޓަގަރީއަކުން އިންޑިއާ ވިސާ ދިނުން މެދުކަނޑާލި އެވެ.
ނަމަވެސް، އެ އަހަރުގެ ޖޫން މަހުން ފެށިގެން ހާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސިއެވެ. އަދި އެ ހުއްދައިގެ ދަށުން މިއަދާ ހަމައަށް 14،000 އަށްވުރެ ގިނަ ދިވެހިން ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކުރުމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ.
ނަމަވެސް ކިޔެވުމަށް އިންޑިއާއަށް ދާ މީހުން ވިސާ ނަގަން ޖެހޭނެއެވެ. ވިސާ ނަގަން ޖެހޭ މީހުން މަދުވުމަކީ ވިސާ ލިބުމުގައި އަވަސްވެ ފަސޭހަވެގެން ދާނެ ކަމެއް ކަމަށް ބެލެވެއެވެ.