މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރާ މާއްދާ އަނބުރާ ގެންދަން ނޫސްވެރިން ގޮވާލައިފި

151141980-534313997544811-7203093794154031387-n.jpg

ނޫސްވެރިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ނޫސްވެރިން ކުރި އިހްތިޖާޖެއްގެ ތެރެއިން - ފޮޓޯ ވަގުތު

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑް، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފިއެވެ.

މިޖަމިއްޔާތަކުން މިހެން ގޮވާލާފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ހެއްކާ ބެހޭ ބިލުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް، ނޫސްވެރިން ލިޔާ ޚަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭނެ ހާލަތްތަކެއް ހިމަނާފައި އޮތުމުން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވާ ގޮތުން މިދިޔަ މަހުގެ 30ގައި މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ދެ ހާލަތެއް ހިމަނާފައެވެ.

އެ ދެ ހާލަތަކީ، މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެ ނޫން ވެސް ފަރާތަކަށް ލިބިދާނެ ގެއްލުން ކުޑަ ކަމަށް ކޯޓަށް ފެނިއްޖެ ނަމަ ނުވަތަ މަސްދަރު ހާމަ ކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި އިތުރު މަސްދަރު ހޯދާ އެފަދަ މަސްދަރުތަކުގެ ފަރާތުން އިތުބާރު ހުރި މައުލޫމާތު ހޯދުމާށް ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަ ކަމަށް ކޯޓަށް ފެނުމެވެ.

ޖަމިއްޔާތަކުން ބުނީ ބިލު މިހާރު އޮތް ގޮތުން، މި ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ހިނދެއްގައި ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ ކަމަށެވެ.

އެ ޖަމިއްޔާތަކުން ބުނީ އެއީ، ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަ ކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ބުނެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ފޯރުކޮށްދޭ ހައްގުތައް ހަނިކުރާނެ މާއްދާއެއް ކަމަށެވެ. އަދި އެއީ ރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދަގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށްވެސް ހުރަސް އަޅާނެ މާއްދާއެކެވެ.

“މިކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާނެ ނޭދެވޭ އަސަރު ވަރަށް ސާފު އަދި މިއާއެކު މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާކުރަން ހޯދުނު ކުރިއެރުންތައްވެސް ގެއްލިގެންދާނެ. އެހެންކަމުން ލަސްނުވެ، ނޫސްވެރިންނަށް މަސްދަރު ރައްކާތެރިކުރުމަށް ލިބިދީފައިވާ ހައްގަށް އޮތް އިތުބާރު ދެމެހެއްޓުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ، މިހާރު ހުށަހެޅިފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) އަނބުރާ ގެންދިޔުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލަން،” އެމްޖޭއޭގެ ރައީސް ހަމްދޫން ވިދާޅުވިއެވެ.

މީގެ އިތުރުން ހެއްކާ ބެހޭ ގާނޫނާ މިހާރު އޮތް ގޮތަށް ފާސް ކުރުމުން ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ގެއްލި، ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވާނެ ކަމަށް މި ޖަމިއްޔާތަކުން ފާހަގަކުރިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top