އަހްނަފްގެ ކާމިޔާބީގެ ފަހަތުގައިހުރީ މަންމަ

މުހައްމަދު އަހްނަފް؛ 2014 ވަނަ އަހަރުގެ ބއތމ.ގެ ބެސްޓްއޯލްރައުންޑްގެ މަގާމް އިއުލާންކުރި ޖަލްސާގައި މަންމައާ ބައްޕައާއެކު

މުހައްމަދު އަހްނަފް؛ 2014 ވަނަ އަހަރުގެ ބއތމ.ގެ ބެސްޓްއޯލްރައުންޑްގެ މަގާމް އިއުލާންކުރި ޖަލްސާގައި މަންމައާ ބައްޕައާއެކު

ބ.އަތޮޅު ތައުލީމީމަރުކަޒުގެ 2014 ވަނައަހަރުގެ އިނާމުދިނުމުގެ ޖަލްސާގައި އެންމެންގެ ނަޒަރު އެންމެ ބޮޑަށް ހުއްޓުނު ދެ ދަރިވަރުންގެ ތެރެއިން އެއް ކުއްޖަކީ އޭދަފުށީގެ ތައުލީމީ ހަޔާތުގެ ދިގު މާޒީއިން ފެށިގެން މިއަދާހަމައަށް ގެތެމުން އަންނަ ކުޑައަލިބޭ އާއިލާގެ ދިގު ސިލްސިލާއަށް އަނެއްކާވެސް އިތުރުވި ބޮޅެކެވެ. އެެ އާއިލާގެ، މަތިހާ މުހައްމަދު އަހްނަފް (އަފް )އެވެ.

ވާރުތަވެފައިވާ އިލްމީދަރުސްގާހަކުން އުފަންވެފައިވާ އުމުރުން 16 އަހަރުގެ އަފް ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން މުޅިރާއްޖެއިން ދެވަނަ ދަރިވަރެއްގެ މަގާމަށް އައިސްފައެވެ. އެ އިމްތިހާނުގައި އަފް ބައިވެރިވި 8 މާއްދާގެ ތެރެއިން 7 މާއްދާއިން އޭ ހޯދައިގެންނެވެ. ހަމަ އެކަނި އިސްލާމުން ބީ ލިބުނީ ކީއްވެގެންތޯ އަހާލުމުން އަފްބުނީ އެއީ ދޭހަވާ މާނަ ލިއުމުގައި އުދަގޫ ހުންނާތީއެވެ.

އަފްގެ މި ފަޚްރުވެރި ކާމިޔާބުގެ ފަހަތުގައި ހުރީ އޭނާ އެމީހަކަށް ޓަކާ އެންމެ ބޮޑަށް ފަޚްހުރުވެރިވާ މަންމައެވެ. އަފް ބުނާގޮތުގައި އެއީ ހަމައެކަނި މަންމައެއް ނޫނެވެ. އެއީ އޭނާގެ ރޯޑްމޮޑެލްއެވެ. އެއީ އޭނާއަށް ﷲގެ ހެޔޮ ރަހްމަތާއެކު މިހާހިސާބަށް އާދެވުމުގެ ސަބަބެވެ. ޝުކުރުވެރިކަމާއެކު ކާމިޔާބުގެ ހުރިހާ ޝުކުރެއް ރައްދުކުރަންޖެހޭ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ.

މަންމަ ފިޔަވައި ތައުލީމީ ގޮތުން އެންމެ ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ދެން އޭނާއަށް ދީފައިވަނީ އައްކޮ ދޮންބެ (އަލީ އަރުސަމް. 2013 ވަނައަހަރު އޭލެވެލް އިމްތިހާނުން މުޅި ރާއްޖެއިން 1ވަނަ ) ކަމުގައި ބުނަމުން ހިނިތުން ވެލާފައި ބުނީ މުޅި އާއިލާގައިވެސް ތިބީ މުޅިންވެސް ޓީޗަރުން ކަމަށް ވާތީ އެ ހުރިހާ އެންމެންނަކީވެސް އޭނާއަށް އެހީތެރިވި މީހުންކަމުގައެވެ. އަދި ބައްޕައާއި ދެފަރާތުގެ ޢާއިލާގެ އެންމެންގެވެސް ސަޕޯޓް އަބަދުވެސް ލިބި ލިބި ހުންނަ ކަމަށް އަޙްނަފް ބުނެއެވެ.

އަފް ބުނާގޮތުގައި ތައުލީމީ ރޮނގުން ކުރިއަށް ދާން ބޭނުން ހުރިހާކުދިންވެސް ފުރަތަމަކުރަންޖެހޭކަމަކީ މަންމަގެ ބަސްއެހުން ކަމުގައި ގަބޫލު ކުރެވޭ ކަމުގައެވެ. ހަމައެއާއެކު ސްކޫލުން ދޭ ފިލާވަޅުތައް ދަސްކުރުމާއެކު ވަކި ޓައިމްޓޭބަލަކާ އެއްގޮތަށް ދުވާލުގެ ޕްރޮގްރާމްތައް ގެންގުޅޭނަމަ ކޮންމެ ކުއްޖަކަށްވެސް މިމަގާމާހަމައަށް އާދެވިދާނެކަމުގައެވެ.

އަފްގެ ކިޔެވުމާ ގޭތެރޭގެ ކަންތައް ހުންނަ ގޮތާބެހޭ ގޮތުން މަންމަ އަމީލިއްޔާ ބުނީ އަފްއަކީ ވަރަށް ބަސްއަހާ ކުއްޖެއްކަމާއި އޭނާ އެންމެ ކުޑައިރުންފެށިގެންވެސް ވަގުތުތައް ގެންގުޅެނީ ޕްރޮގްރާމްކޮށްގެން ކަމުގައެވެ. ސްކޫލް ގަޑި ފިޔަވައި ގިނަ ވަގުތު ހޭދަކުރާނީ މުޅިންވެސް ގޭތެރޭގައެވެ. ކޮމްޕިއުޓަރ ކައިރީގައި ވެސް ހޭދަކުރާނީ އެކަމަށް ކަނޑައެޅިފައި އޮންނަ ވަގުތުގައެވެ. ގޭމްކުޅުމާ ނިދުމާ ހޯމްވާކް ހެދުމުގައިވެސް އަމަލުކުރަމުން ދާނީ ޓައިމް ޓޭބަލާއެއްގޮތަށެވެ. އެހެންވީމާ އެއްވެސް ކަމެއް ކުރަން ބުނަން ވަރަށް ނުޖެހޭކަމުގައެވެ. އެހެން ވިޔަސް އޭނާގެ ޕްރޮގްރާމްތައް ކުރިއަށް ދާގޮތް ބަރާބަރަށް ބަލަމުން އެކަމުގައި އެހީތެރިވަމުންދާކަމުގައި އަމީ ބުންޏެވެ.

އަހްނަފަކީ ކުޑައަލިބޭ އާއިލާގެ ކުއްޖަކަށްވީތީ އޭނާގެ މި ކާމިޔާބާމެދުވެސް މަދު ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. ސްކޫލްގެ ޕްރިންސިޕަލުން ފެށިގެން ޓީޗަރުންނާ ހަމައަށް އެއާއިލާގެ 75 އިންސައްތަ ހިއްސާކުރާތީ އަހްނަފަށް އެމަގާމު ލިބުނީ އެހެންވެގެންކަމަށް ބުނާ ބުނުމަށް އަމީ ރައްދު ދެއްވިއެވެ. އަމީ ބުނީ މަންމަގެ ހައިސިއްޔަތު ހަނދާންނައްތާލާފައި ސްކޫލްގެ ސުޕަރވައިޒަރެއްގެ ގޮތުން ވިސްނާނަމަ އަހްނަފަށް އެމަގާމް ލިބުމުން ހައިރާން ނުވާކަމުގައެވެ. އެއީ އަހްނަފަކީ ކިޔެވުން ފިޔަވައި ސްކޫލްގައި އޮންނަ އިތުރުހަރަކާތްތަކުގައިވެސް ބައިވެރިވެ ލީޑްކުރަމުން އަންނަ ކުއްޖެއްކަމުގައެވެ. އޭގެ ތެރޭގައި ސްކައުޓާއި ކްލަބްތަކާއި ތަފާތު ކުޅިވަރިތަކުގައި ވެސް ބައިވެރިވާ ކުއްޖަކަށް ވާތީވެ އޯވަރޯލްކޮށް ބަލާއިރު އަހްނަފަށް އެމަގާމަށް ނާދެވޭނެ ސަބަބެއްް ނުވިސްނޭ ކަމުގައެވެ. އެހެންނޫނަސް މި ފަހަކަސްއައިސް ފާއިތުވި ކޮންމެ އަހަރަކުވެސް މި އާއިލާގެ ކުއްޖަކު ގްރޭޑް 10 ނިންމާނަމަ ނުވަތަ ގްރޭޑް12 ނިންމާނަމަ އާއިލާއަށް މިކަހަލަ ރީތި ނަމެއް ހޯދައިދެއެވެ. އެއީ އެހެން ސްކޫލެއްގައި އުޅޭ ކުއްޖެއްކަމަށް ވިޔަސް މެއެވެ. އެހެންވީމާ އާއިލާއާ ކުދިންގެ ކުރިއެރުމަށް ކުރާ ބުރަމަސައްކަތް އެގޮތަށް ގުޅުވުމަކީ ކުދިންގެ ކުރިމަގަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަކެއްކަމުގައި އަމީ ބުންޏެވެ.

ކުރިމަގުގައި ކުރިއަށްދާން ބޭނުންވަނީ ކޮން ރޮނގަކުންތޯ އަފް ގާތު އަހާލުމުން ބުނީ ސައިންސްގެ ކޮންމެވެސް ރޮނގަކުން ކަމުގައެވެ.

އަހްނަފްގެ ކާމިޔާބަށް މަރުހަބާ ކިޔަމެވެ. ތައުލީމީ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރުދެމެވެ. ކުރިމަތީގައި އޮތީ އަދިވެސް މި ކަހަލަ އެތައް އިމްތިހާނެކެވެ. އެ އިމްތިހާނުތަކުންވެސް އޯލެވެލްގައި ތިޔަ ދެއްކި ނަތީޖާއަށް އަހަރެމެންނާއި އާއިލާ އިންތިޒާރުކުރެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު