ކޮވިޑްގެސަބަބުން މޮނިޓަރިން ހާލަތުގައި އޮންނަ ރަށްރަށުގެ ސްކޫލްތަކުގެ މަތީގްރޭޑްތަކުގެ ދަރިވަރުން ކިޔަވާނީ ސްކޫލަށް ހާޒިރުވެގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހުސެން ރަޝީދު ވިދާޅުވީ، ރަށެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިނަމަ އެ ރަށެއްގައި ގްރޭޑް އަށަކުން ފެށިގެން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ. ނަމަވެސް ގްރޭޑް 9 އިން ފެށިގެން 12 އާ ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުސެން ވިދާޅުވީ ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަކީ އޯލެވެލް އާއި އޭލެވެލްގެ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ވާތީ އެކުދިންގެ ކިޔެވުން ކުރިއަށްދާނެ ކަމަށެވެ. އަދި އެއީ މިހާރު އެޗްޕީއޭ އާވެސް މަޝްވަރާކޮށް ނިމިފައިވާ ކަމެއްކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ގްރޭޑެއްގެ ދަރިވަރަކު ޕޮޒިޓިވް ވެއްޖެ ނަމަ އެދަރިވަރެއްގެ ކްލާސް ވެސް އޮންލައިންކޮށް ކިޔަވައިދޭގޮތަށް ބަދަލުކުރާނެ ކަމަށް ހުސެން ވިދާޅުވިއެވެ.
އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ސަރުކާރުން މިހާރު ފަށާފައިވާ ޕްރޮގްރާމ ބެހޭ ގޮތުން ހުސެން ވިދާޅުވީ، ރަށެއް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފިނަމަ އެ ރަށެއްގައި ވެކްސިން ޖެހުމުގެ ޕްރޮގުރާމް ވަގުތީ ގޮތުން މެދުކަނޑައިލެވޭނެ ކަމަށެވެ.